ވޯލްޑްކަޕްގެ ބިޑް ސައުދި އަރަބިއްޔާ އިން ކާމިޔާބު ކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސައުދީއަށް ލިބުނު މި ބޮޑު ކާމިޔާބާ އެކު މީގެ 10 އަހަރު ފަހުން 2034 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އޮންނާނީ އެ ގައުމު ގައެވެ.
ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސައުދީއަށް ލިބުނު ކާމިޔަބީއާ ގުޅިގެން ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ސައުދީގެ މި ކަމިޔާބީއަކީ އެ ގައުމުގެ ނުފޫޒު ދުނިޔޭގައި ބޮޑުވެ، ކަންކަމުގައި ސައުދީގެ އިސްނެގުން އޮތް ގޮތް ދައްކައިދޭ ކަމެއް ކަމަށެވެ. ސައުދީގައި ވޯލްޑް ކަޕް ބޭއްވުމަށް އެ ގައުމުން ބިޑް ކާމިޔާބު ކުރުމަކީ ސައުދީއަށް އެކަނި ލިބުނު ފަހުރެއް ނޫން ކަމަށާއި އެއީ އަރަބި ދުނިޔެއާއި، އިސްލާމީ ދުނިޔެއަށްވެސް ލިބުނު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.
ސައުދީ އިން ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރީ ސައުދީގެ ވަލީއަހްދު މުހައްމަދު ގެންގުޅުއްވާ "ވިޝަން 2030"ގައި ހިމެނޭ ކަމެއްގެ ގޮތުގައެވެ.
ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައުދީ އަށް ލިބުނީވެސް ފަސޭހަ ގޮތަކަށެވެ. އޮސްޓްރޭލިއާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބޭއްވުމަށް ކުރިން މަސައްކަތް ކުރި ނަމަވެސް އޮސްޓްރޭލިއާ އިން ފަހުން އެ މަސައްކަތް ހުއްޓާލުމުން ސައުދީގެ ބިޑް ފިޔަވާ އެހެން ބިޑެއްވެސް ނެތެވެ.