ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ފުޓްބޯޅަ ކުޅުންތެރިޔަކު ކްލަބަކަށް ގެނައުމަށް ހުށަހެޅުނު އެންމެ ބޮޑު ފީ، ސައުދީ އަރަބިއާގެ އަލް ހިލާލް ކްލަބުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމޭން ކްލަބް -- ޕީއެސްޖީ އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ، ކިލިއަން އެމްބާޕޭ ހޯދުމަށް ހުށަހަޅައިފި އެވެ.
ޕީއެސްޖީގެ އަދި ފްރާންސްގެ ގައުމީ ޓީމުގެ ވެސް ފޯވަޑް، އުމުރުން 24 އަހަރުގެ އެމްބާޕޭ ގެނައުމަށް ސައުދީ ކްލަބް އަލް ހިލާލުން ހުށަހަޅާފައިވާ ދުނިޔޭގެ ރެކޯޑް ފީ އަކީ 332 މިލިއަން ޔޫއެސް ޑޮލަރެވެ.
އަލް ހިލާލުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނަލް މެސީ ގެނައުމަށް ވެސް ދުނިޔޭގެ ރެކޯޑް ފީ އެއް ހުށަހަޅާފަ އެވެ. ނަމަވެސް މެސީ ވަނީ އެ އިޚްތިޔާރު ދޫކޮށް އެމެރިކާގެ މޭޖަ ލީގް ސޮކަ ގައި ކުޅުމަށް އިންޓަ މަޔާމީ ކްލަބަށް ސޮއިކޮށްފަ އެވެ.
ފްރާންސްގެ މި ސީޒަންގެ ލީގް ޗެމްޕިއަން - ޕީއެސްޖީން ވަނީ ސައުދީގެ ކްލަބް އަލް ހިލާލްގެ ހުށަހެޅުން ލިބިފައިވާކަން ޔަގީންކޮށްދީފަ އެވެ. އަދި މި ހުށަހެޅުން ލިބުމުން ޕީއެސްޖީން ވަނީ އެމްބާޕޭއާ އެކު އަލް ހިލާލް އިން ވާހަކަ ދެއްކުމަށް ކްލަބްގެ ހުއްދަ ދޫކޮށްފަ އެވެ. ނަމަވެސް ހަބަރުތައް ބުނާ ގޮތުގައި އެމްބާޕޭ އަލް ހިލާލް އަށް ދިއުމަށް މިވަގުތު އެއްވެސް ޝައުގެއް ނެތެވެ.
ފްރާންސް އިން 2018ގެ ވޯލްޑް ކަޕް ހޯދުމުގައި މޮޅު ކުޅުމެއް ކުޅުނު އެމްބާޕޭ އާއި އޭނާގެ މިހާރުގެ ކްލަބް ޕީއެސްޖީ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާނެ އެވެ. އެ އެއްބަސްވުން ކުރިއަށް އޮތް އެއް އަހަރަށް ހެދުމަށް އެމްބާޕޭ އާއި ކްލާބާއި ދެމެދު ވަނީ އެއްބަސްވުމަކަށް ނާދެވި ޚިލާފްތަކެއް އުފެދިފަ އެވެ.
އެމްބާޕޭ ބޭނުންވަނީ މި ފެށޭ ސީޒަން އަންނަ ޖޫން މަހު ނިމުމުން ހިލޭ ޓްރާންސްފާ އެއްގެ ދަށުން ސްޕޭންގެ މަޝްހޫރު ކްލަބް، ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ.
އަންނަ ހޫނު މޫސުމާއި ދިމާކޮށް ރެއާލް މެޑްރިޑަށް ހިލޭ ޓްރާންސްފާ އެއްގެ ދަށުން އެމްބާޕޭ އަށް ކްލަބް ބަދަލު ކުރެވިއްޖެނަމަ ރެއާލުން އޭނާ އަށް ސޮއިކުރުމުގެ ބޯނަހެއްގެ ގޮތުން 100 މިލިއަން ޔޫއެސް ޑޮލަރު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ޕީއެސްޖީގައި މި ސީޒަންގައި މަޑުކޮށްފިނަމަ 80 މިލިއަން ޔޫއެސް ޑޮލަރުގެ ބޯނަސް އަންނަ ސެޕްޓެމްބަރު މަހު ތެރޭގައި ދިނުމަށް ކްލަބުންވެސް ނިންމާފައިވެ އެވެ.
ޕީއެސްޖީން ވަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާގެ ޖަޕާނަށް ދިއުމަށް މިދިޔަ ހޮނިހިރު ދުވަހު ފެއްޓި ތަމްރީން ދަތުރުގައި އެމްބާޕޭ ޓީމުން ބޭރުކޮށްފަ އެވެ. ކްލަބާއެކު އައު އެއްބަސްވުމެއް އެމްބާޕޭ އަށް ނުހެދޭނަމަ އޭނާ ވިއްކާލަން ކްލަބުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެމްބާޕޭ، އަލް ހިލާލް އަށް ގެންދެވިއްޖެނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ މިހާތަނަށް އެންމެ ބޮޑު ފީ އަކަށް ކްލަބް ބަދަލުކޮށްފައިވާ ބްރެޒިލްގެ ތަރި ނޭމާ، ސްޕޭންގެ ބާސެލޯނާ އިން ޕީއެސްޖީ އަށް ގެންދިއުމަށް 2017 ގައި ހޭދަކުރި 262 މިލިއަން ޔޫއެސް ޑޮލަރުގެ ރެކޯޑް ފީ މުގުރާލާނެ ކުޅުންތެރިޔާ އަށެވެ.
ސައުދީ އަރަބިއާގެ ލީގަށް މިދިޔަ އަހަރު ވަނީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިޔާ، ޕޯޗުގަލްގެ ތަރި -- ރޮނާލްޑޯވެސް އެ ލީގުގެ އަލް ނަސްރަށް ގެންގޮސްފަ އެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފްރާންސްގެ ފޯވަޑް އަދި ރެއާލް މެޑްރިޑްގެ ކަރީމް ބަންޒީމާ ވެސް ވަނީ މި ސީޒަން ނިމުމާއެކު އެ ކްލަބަށް ގެންގޮސްފަ އެވެ.
ދުނިޔޭގެ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން އަންނަ ސީޒަން ފެށެންވާއިރަށް ސައުދީ ލީގަށް މިވަގުތު ދަނީ ބަދަލުވަމުންނެވެ. އެއިގެ ތެރޭގައި ޗެލްސީގެ ކުޅުންތެރިޔާ އެންގޯލޯ ކާންޓޭ އާއި ބްރެޒިލްގެ އަދި ލިވަޕޫލް ތަރި ރޮބާޓޯ ފިރްމީނޯވެސް ވަނީ މި ސީޒަން ނިމުމާއެކު އަލް ނަސްރަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އަލްޖީރިއާގެ ފޯވަޑް -- ރިޔާޒް މަހްރޭޒް އަދި އިންގްލަންޑްގެ ޖޯޑަން ހެންޑަސަން ވެސް ސައުދީ ލީގާ ގުޅޭނެ ކަމުގައިވެ އެވެ.