ކީލިއަން އެމްބާއްޕޭ

އެމްބާޕޭގެ ހައްގުގައި ފްރާންސްގެ ކުޅުންތެރިންގެ ޔުނިއަނުން ތެދުވެއްޖެ

ފްރާންސްގެ ގައުމީ ޓީމުގެ ފޯވަޑް، ކިލިއަން އެމްބާޕޭ އާއި އޭނާގެ ކްލަބް ޕީއެސްޖީ އާއި ދެމެދު ވެވިފައިވާ އެއްބަސްވުމާއި މެދު އުފެދިފައިވާ މައްސަލަގަނޑުގައި، އެމްބާޕޭގެ ހައްގުގައި ފްރާންސްގެ ނެޝަނަލް ޔުނިއަން އޮފް ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން -- ޔޫއެންއެފްޕީ އިން ތެދުވެއްޖެ އެވެ.

ފްރާންސްގެ މިދިޔަ ސީޒަންގެ ޗެމްޕިއަން އަދި މިވަގުތު އެންމެ މަޝްހޫރު ކްލަބް -- ޕީއެސްޖީ އިން ވަނީ އަންނަ ސީޒަނަށް ތައްޔާރުވުމަށްޓަކައި ކްލަބްގެ ފަރާތުން އޭޝިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި އެމްބާޕޭ ބައިވެރި ނުކުރުމަށް ނިންމާފަ އެވެ. ކްލަބުން އޭނާ ބައިވެރި ނުކުރުމަށް ނިންމީ ކްލަބާއި އެމްބާޕޭއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކަކާއި ހެދި އެވެ.

މިކަމާ ގުޅިގެން ޔޫއެންއެފްޕީ އިން ވަނީ ޕީއެސްޖީ އަށް ވަރަށް ބޮޑަށް ފާޑު ކިޔައި ކުޅުންތެރިންގެ މިފަދަ ކަންކަމުގެ ހިމާޔަތުގައި މަސައްކަތްކުރާނެ ކަމަށް ބުނެ ބަޔާން ނެރެފަ އެވެ.

ޕީއެސްޖީ އާއި އެމްބާޕޭ އާއި ދެމެދު އުފެދިފައިވާ މައްސަލައާއި ގުޅިގެން ކްލަބުން ވަނީ އެމްބާޕޭ ވިއްކާލުމަށް ނިންމައި ޓްރާންސްފާ ލިސްޓަށްވެސް އޭނާގެ ނަން ލާފަ އެވެ.

އެމްބާޕޭ އާއި ކްލަބާއި ދެމެދު އުފެދިފައިވަނީ ފައިސާގެ މުއާމަލާތްތަކެއްގެ ދެބަސްވުމެކެވެ. އެމްބާޕޭ ވަނީ އަންނަ ސީޒަން ނިމުމަށްފަހު ހިލޭ ކްލަބް ބަދަލުކުރެވޭނެހެން އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް މަސައްކަތް ފަށާފަ އެވެ. އެގޮތުން އަންނަ އަހަރު ޖޫން މަހު މިހާރުގެ ކޮންޓްރެކްޓް ހަމަވުމުން އޭނާގެ އައު ކޮންޓްރެކްޓްގައި ސޮއިކުރަން އެއްބަސްވާން ބޭނުންވަނީ ޓްރާންސްފާ ފީގެ ގޮތުގައި އޭނާ ބަދަލުވާ ކްލަބުން ޕީއެސްޖީއަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭގޮތަށް، ހިލޭ ޓްރާންސްފާ އެއްގައި ކްލަބް ދޫކޮށްލެވޭނެ ގޮތަށް އެއްބަސްވުމަށެވެ.

ނަމަވެސް ޕީއެސްޖީގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ -- ނާސިރު އަލް ޚަލީފާ ވިދާޅުވެފައިވަނީ މިދިޔަ ފަސް ސީޒަންގައި ފްރެންޗް ލީގްގެ ޓޮޕް ސްކޯރަރ، އެމްބާޕޭ އަށް އެހެން ހިލޭ ކްލަބް ބަދަލުވުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.

މި މައްސަލައަށް ފްރާންސްގެ އެންމެ ބޮޑު ކުޅުންތެރިންގެ ޔުނިއަން، އޫއެންއެފްޕީ އިން ވަދެ އިއްޔެ ނެރުނު ދިގު ބަޔާނެއްގައި ހުރިހާ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް މަސައްކަތުގެ މާހައުލުގައި ހަމަހަމަ އުސޫލުތަކެއް އޮންނަންޖެހޭނެ ކަމަށްވަނީ ހާމަކޮށްފަ އެވެ.

"ޔޫއެންއެފްޕީ އިން ދެކެނީ ކްލަބް ތަކުގެ މެނޭޖަރުން ކުޅުންތެރިންނަށް ނުވަތަ ކްލަބްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕްރެޝަރު ކުރިމަތި ނުކުރަން ހަނދާން ކޮށްދިނުން އެއީ ބޭނުންތެރިކަމެއް ކަމަށް. ކުޅުންތެރިން ކްލަބަށް ކުޅުމަށް އެއްބަސްވާ އުސޫލުތަކަށް ނާޖާއިޒު ބާރު ފޯރުވައިގެން ކްލަބްގެ މެނޭޖުމަންޓުން ބޭނުންވީމާ ކުޅުންތެރިޔާ ދޫކޮށްލާ ގޮތަށް ހަދައި އަދި ބޭނުންވީމާ ކުޅުންތެރިޔާ ބަހައްޓާ ގޮތަށް ހެދުން އެއީ އަޚުލާގީ ގޮތުން ބަލާއިރު ފުރައްސާރަ ކުރުމެއް. މިފަދަ ފުރައްސާރަ ކުރުންތައް އެއީ ފްރާންސްގެ ގާނޫނުތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަންކަން،" ޔޫއެންއެފްޕީގެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

"އެހެންވީމާ ޔޫއެންއެފްޕީ އަށް އެބައޮތް ގާނޫނީ ގޮތުން ޖިނާއީ އަދި މަދަނީ ހަމަތަކުގެ ދަށުން މިފަދަ އަމަލުތައް ހިންގާ ކޮންމެ ކްލަބަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު،" ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

ފްރާންސްގެ ކްލަބް ޕީއެސްޖީ އިން މިދިޔަ 11 ސީޒަންގައި 9 ފަހަރު ޖައްސަޖައްސައިގެން ވަނީ ފްރެންޗް ލީގު ޓައިޓްލް ހޯދާފަ އެވެ. ނަމަވެސް ޑޮމެސްޓިކް ލީގު ކްލަބުން ހޯދުމުގައި ހޯދާ ކާމިޔާބު ތަކުރާރު ކުރުމަށް ޔޫރަޕްގެ ޗެމްޕިއަންސް ލީގުގައި ކުޅުމަށް ކްލަބުން ބޮޑެތި ޚަރަދު ކުރާއިރުވެސް މިހާތަނަށް އެ ތަށި އެންމެ ފަހަރުކެވެސް ހޯދިފައެއް ނުވެ އެވެ.

ޕީއެސްޖީއަށް އެމްބާޕޭގެ އެއްބަސްވުން ނާކާމިޔާބު ވެއްޖެނަމަ އެ ކްލަބުން އެމްބާޕޭ ގެނައުމަށް އޭއެސް މޮނާކޯ އަށް ހޭދަކުރި 200.2 މިލިއަން ޔޫއެސް ޑޮލަރުގެ ބަދަލުގައި އެކައްޗެއްވެސް ކްލަބަށް ނުލިބުމުގެ މައްސަލަ މިވަގުތު މިވަނީ ކުރިމަތިވެފަ އެވެ. މިފަދަ ގޮތަކަށް މެދުވެރިވެއްޖެނަމަ އަންނަ ސީޒަންގައި އެމްބާޕޭ ކްލަބްގެ އެއްވެސް މެޗަކުން ނުފެނުމުގެ ފުރުސަތު އޮތްއިރު އެހެން ކްލަބަކުންވެސް ނުފެނުމުގެ ފުރުސަތު މިވަގުތު އެބައޮތެވެ.

ފްރާންސްގެ މަޝްހޫރު ފޯވަޑް، އެމްބާޕޭ ކްލަބް ބަދަލުކުރަނީ ޔޫރަޕްގެ ޗެމްޕިއަންކަން 14 ފަހަރު ހޯދާފައިވާ ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބް އެއް ކްލަބް -- ސްޕޭންގެ ރެއާލް މެޑްރިޑަށް ކަމަށް އަޑުފެތުރިފައިވެ އެވެ.