އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ތަރައްގީ އާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.
ދުވަހާ ގުޅިގެން މިއަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ލެވެލިން ދަ ޕްލެއިން ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" އެވެ.
ޝިއާރަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އިޖުތިމާއީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުސަތުތައް ލިބުމުގައި، މީހާގެ އުމުރަކަށް، ނަސްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަސައްވުރާ ގުޅޭ ޝިއާރެއް ކަމަށެވެ.
މި ފުރުސަތުތައް ކަށަވަރުކޮށްދެއްވުމުގެ އަޒުމުގައި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާ ފަދަ މަޝްރޫއުތަކެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެގެންދާނޭ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރުކުރަން ބާރު ލިބި، އިޖުތިމާއީ ގުޅުންތައްވެސް ހަރުދަނާވުމަށް، އެކަމުން މަގުފަހިވެގެންދާނެ ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސްގެ މެސެޖުގައި ވަނީ ކުޅިވަރު ތަރައްގީކުރުމަށް ކުރަމުންދާ ދުރު ރާސްތާ މަސައްކަތްތަކަށްވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން 20 އަހަރުގެ ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވޭނެ އެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށް ދިއުމުގެ މަގުފަހިވެގެންދާނެ އެވެ.
ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރު ކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާންވެސް ރަނގަޅު ކުރެވޭނޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާއީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ގާބިލުކަމެއް ކުޅިވަރަށް ލިބިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ކުޅިވަރު މެދުވެރިކޮށް ގައުމީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސްކުރައްވާފަ އެވެ.