އަބްދުﷲ ރާފިއު

ގަލޮޅު ދަނޑުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށްފި

ގަލޮލު ރަސްމީ ދަނޑުގެ މަސައްކަތް ނުފެށި ލަސްވަނީ އެ މަސައްކަތް ކުރަން ކުރިން ހަވާލުވި ކޮންޓްރެކްޓް ބަދަލުކޮށްފައިވާތީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރާފިއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީނުންނާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލާ ގުޅިގެން ރާފިއު ވިދާޅުވީ ގަލޮޅު ދަނޑާ އެކު އިތުރު މިފަދަ އިތުރު މަސައްކަތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައި އޮތީ އެ މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ ގަލޮޅު ސްޓޭޑިއަމްގެ މަސައްކަތް ފެށުން މިހާރު ލަސްވެގެން އުޅެނީ މި މަޝްރޫއު ވަކި މަޝްރޫއެއްގެ ގޮތުގައި ފެށޭނެ ގޮތެއް ނެތުމުން ކަމަށްވެސް ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ ހަތަރު މަޝްރޫއު އެއްފަހަރާ ގެންދަން ކޮންޓްރެކްޓަރު ބޭނުންވި ނަމަވެސް ހުރިހާ މަޝްރޫއެއް އެއްފަހަރާ ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.

"މީގެ ދަތިކަން ބޮޑަށް މިއައީ ގަލޮޅު ސްޓޭޑިއަމް ތަޅާލާފައި ކުރިޔަސް ގެންދަން ޖެހޭތީ. އެތަނުގެ އޯލްޓަނޭޓިވްއެއް ނުދައްކާ
ކުރިޔަށް ގެންދިއުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑުގެ މަޝްރޫއު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ބަދަލުކޮށް، މި މަޝްރޫއުގެ މައްސަލައަށް ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ. އެހެންނަމަވެސް ދަނޑުގެ މަސައްކަތް ފެށޭނެ ދުވަހެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ.

"މިހާރު ގަލޮޅު ސްޓޭޑިއަމްގެ މަސައްކަތް މަޑުޖައްސާލާފައިވެސް ސިންތެޓިކް ޓްރެކްގެ މަސައްކަތް ފެށިދާނެ،" ރާފިއު ވިދާޅުވި އެވެ.

ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި މުޅިން އާ ދަނޑެއް އެޅުމަށް ނިންމާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ނިންމާފަ އެވެ.