ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ކުޅިވަރު ގާނޫނުގެ އިސްލާހުގެ ބިލާ ގުޅޭގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ލަފާޔާއި ހިޔާލު ހުށަހެޅުމަށް ހަފްތާއެއްގެ މުއްދަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމައިފި އެވެ.
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ބޭއްވި ފޯރަމެއްގައި ބައެއް އެސޯސިއޭޝަންތަކުން ފާހަގަކުރި ގޮތުގައި ކުޅިވަރު ގާނޫނަށް އެ އެސޯސިއޭޝަންތަކުގެ ހިޔާލު މިހާތަނަށް ހޯދާފައެއް ނުވެ އެވެ. އެގޮތަށް ވާހަކަ ދެއްކި އެސޯސިއޭޝަންތަކުގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަދި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން ހިމެނެ އެވެ.
ބައެއް އެސޯސިއޭޝަންތަކުން ބުނީ ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެސޯސިއޭޝަންތަކާ އެކު މީގެކުރިން ބޭއްވި މަޝްވަރާތަކުގައި ހިމެނި ކަންކަން، އެޓާނީ ޖެނެރަލް އޮފީހުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުން މިހާރު އަލުން ހުޅުވާލި ފުރުސަތުގައިވެސް އެކަށީގެންވާ މުއްދަތެއް ނެތްކަން ވެސް ފާހަގަކުރި އެވެ.
ފޯރަމްގައި ވާހަކަދައްކަމުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފިޝަލުން ފާހަގަކުރީ ކުޅިވަރު ގާނޫނުގެ އިސްލާހުގައި ޖިސްމާނީ ނުކުޅެދުންތެރިކަމަށް އެކަނި އަލިއަޅުވާލާފައިވާއިރު، ނަފްސާނީ ނުކުޅެދުންތެރިކަމާ ގުޅޭ ސްޕެޝަލް އޮލިމްޕިކްސްގެ ދައުރުވެސް ގާނޫނުގެ ތެރެއިން ވަކިވެގެން އަންނަންޖެހޭ ކަމަށެވެ.
ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަން އުވާލައި ސްޕޯޓްސް ޗެނަލްގެ މަސައްކަތް ނިމުމަކަށް ގެންނައިރު، ސްޕޯޓްސް ޗެނަލުން ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތެއް ވެސް ހިމެނުން މުހިއްމު ކަމަށް އެސޯސިއޭޝަންތަކުން ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ އެސޯސިއޭޝަންތަކުން އެދޭ ގޮތަށް ހިޔާލު ހުށަހެޅުމަށް ހަފްތާއެއްގެ މުއްދަތު ދެވޭނެ ކަމަށެވެ. ނަމަވެސް މިއީ އަވަހަށް ނިންމަންޖެހޭ ބިލެއް ކަމަށްވާތީ، ދެވޭ މުއްދަތުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރުމަށް އެންމެހައި އެސޯސިއޭޝަންތަކަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ ނޮވެންބަރު 24 ވަނަ ދުވަހު ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. ކުޅިވަރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި 72 އިސްލާހެއް ހިމެނެ އެވެ.