ހަބަރު

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު އީސީން ބާއްވާ އިސްލާހު ބަލައިގެންފި

ރާއްޖޭގައި ހިންގާ ގައުމީ ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުގެ އިންތިހާބު، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބާއްވަންޖެހޭ ގޮތަށް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުންވާފައިވާތީ އެކަމާ ދެކޮޅަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރާއްޖޭގެ 18 ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.

އެ އެސޯސިއޭޝަންތަކުން ބުނެފައިވަނީ ހަސަންގެ ބައެއް އިސްލާހުތަކަކީ އޮލިންޕިކް ކޮމެޓީގެ އޮލިންޕިކް ޗާޓަރުގެ 27.5 އަދި 27.6 ވަނަ މާއްދާއާ ހިލާފް އިސްލާހުތަކެއް ކަމަށެވެ. އަދި މިފަދަ އިސްލާހުތަކެއް ގެނައުން ވެގެންދާނީ އޮލިންޕިކް މޫވްމަންޓުން ރާއްޖެ ސަސްޕެންޑް ވުން ކަމަށެވެ.

ނަމަވެސް، މިއަދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުން އެ ބިލު މަޖިލީހަށް ބަލައިގަތުމުގެ ކުރިން، ކުރިއަށް ދިއަ ބަހުސްގައި ވާހަކަ ދެއްކެވި މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މެންބަރުންވެސް ވަނީ އެ ބިލަށް ތާއީދުކުރާކަން ހާމަކޮށްފައި އެވެ.

އަދި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ގިނަ އެސޯސިއޭޝަންތައް ހިންގާއިރު، ވަކި ބައެއްގެ ނުފޫޒުން ރާއްޖޭގެ ކުޅިވަރުތައް ހިސޯރުކޮށްފައިވާކަމަށްވެސް އެ މެންބަރުން ވަނީ ވިދާޅުވެފައި އެވެ.

މިގޮތުން، ރާއްޖޭގެ ކުޅިވަރުގެ ތެރޭގައި މިހާރު ހިނގަނީ މާފިއާގެ އުސޫލުކަމަށް ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މިގޮތުން، ކުޅިވަރުގެ ތެރޭގައި މާފިއާ އުފައްދާފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާ ބޭނުންކުރުން ކަމަށާއި، އަދި އެގޮތަށް ލިބޭ ފައިސާ ދަނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރުކާރުގެ ބަޖެޓުގެ ބަދަލުގައި އެ މީހުންގެ އަމިއްލަ ޖީބަށްކަމަށް އޭނާ ވިދާޅުވެފައި އެވެ.

އެ ބިލު ހުށަހެޅުއްވި ހަސަން ލަތީފް ވެސް ބަހުސްގެ ތެރެއިން ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގައި ގާއިމުކުރަނީ ދައުލަތުގެ ބަޖެޓުންކަމަށްވާއިރު، ވިޔަފާރި އުސޫލުން ހިންގައިގެން އެތަންތަން ބަލަހައްޓައި، އިތުރަށް ތަރައްގީ ކުރެވޭނެ މަގެއް މި ބިލު މެދުވެރިކޮށް ހޯދިގެންދާނެ ކަމަށެވެ.

ބަހުސްގެ ތެރެއިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓިކްކޮށް ދެ ފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ.

ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއްވެސް ވަރަށް ބޭނުންތެރި ކަމަށެވެ.

އަދި ޑިމޮކްރެޓިކޮށް އިންތިހާބެއް ބާއްވައިގެން ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ދެކޮޅު ހަދައިނަމަ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެ ޖަމިއްޔާއަކުން ވަކިވުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.

ނަމަވެސް، އެސޯސިއޭޝަންތަކުން ބުނަނީ ވަކި ގޮތަކަށް އިންތިހާބު ބާއްވަން މަޖިލީހުން މަޖުބޫރުކޮށްފިނަމަ، އެއީ ސަރުކާރުން ނުފޫޒު ފޯރުވިކަމުގެ އަމަލެއްގެ ގޮތުގައި ބަލައި، ރާއްޖެ ސަސްޕަންޑުކުރުން ވަރަށް ގާތް ކަމަށެވެ.