ހަބަރު

ވޯލްޑް ކަޕެއް ހޯދަން ފުޓުބޯޅަ ދޫކޮށް ކްރިކެޓު ހިޔާރުކުރަންޖެހޭ: ދޮންބިލެތް

ރާއްޖޭން ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި ރަނގަޅު ނަތީޖާއެއް ހޯދައި، ވޯލްޑް ކަޕު ހޯދޭނެ ހަމައެކަނި ގޮތަކީ ފުޓުބޯޅައާ ދުރަށްޖެހި، ކްރިކެޓް ހިޔާރު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދު ކުރީގެ ފުޓްބޯޅަ ތަރި، އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ މީގެ ކުރިން ރާއްޖޭން ބައިނަލްއަގުވާމީ މުބާރަތްތަކުގައި ބައިވެރިވަމުން އައިސްފައި ވަނީ ރަމްޒީ ގޮތެއްގައި ކަމަށެވެ.

އެހެން ކަމުން، ރާއްޖެއަކީ އަބަދު މުބާރާތްތަކުގައި ބައިވެރިވާ ގައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ދެވޭ ގައުމަކަށް ވާންޖެހޭ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ބޭނުން ރައްޔިތުންނަށް ވިސްނުން ބަދަލު ކުރަން. ފުޓުބޯޅައާ ދުރަށް ޖެހިވަޑައިގަންނަވާށޭ. ފުޓުބޯޅަ އަޅުގަނޑުމެން އެބަ ދޫކޮށްލަން ޖެހޭ. ރާއްޖޭގެ ގައުމީ ކުޅިވަރެއްގެ ގޮތުގައި އޮތް ފުޓުބޯޅަ އަޅުގަނޑުމެން އެއް ފަރާތަށް ޖައްސާލާފައި، ވޯލްޑް ކަޕެއް ހޯދުމަށްޓަކައި މަސައްކަތް އެބަ ފަށަންޖެހޭ،" ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑިފެންޑަރު ކަމަށްވާ ދޮންބިލެތް ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ވާލްޑް ކަޕެއް ހޯދި ދާނެ އެވެ. ނަމަވެސް އެއީ ފުޓުބޯޅައަކުން ނޫނެވެ. އެއީ ރާއްޖޭގައި ކްރިކެޓު ކުރިއަރުވައިގެނެވެ.

މިގޮތުން، ހުޅުމާލޭގައި އިންޑިއާގެ އެހީގައި ގާއިމުކުރާ ކްރިކެޓް ސްޓޭޑިއަމާއެކު، ރާއްޖޭގެ ކްރިކެޓް މުޅިން އެހެން މިސްރާބަކަށް އެނބުރިގެންދާނެ ކަމަށްވެސް ދޮންބިލެތް ވިދާޅުވި އެވެ.

"އަޅުގަނޑު މިހެން މިއަދު ބުނީމަ ބައެއް މީހުނަށް ޖޯކަކަށް ވެސް ވެދާނެ. ނަމަވެސް، އަޅުގަނޑުމެން ހަމަ ބަލަހައްޓައިގެން ތިއްބާ، ބަންގްލަދޭޝް އާއި އަފްޣާނިސްތާނު އަދި ސްރީލަންކާ އެވަނީ ވޯލްޑް ކަޕަށް ގޮސް ދުނިޔޭގެ ހުރިހާ ގައުމެއް ބަލިކޮށްފައި،" ސަރަހައްދުގައި އެންމެ ވަރުގަދަ ކުޅިވަރަށް ރާއްޖޭން ވެސް އަމާޒު ހިފަންޖެހޭ ކަމަށް ގޮވާލައްވަމުން އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ޓީމުގައިވެސް ގިނަ އަހަރުތަކެއް ވަންދެން ފުޓުބޯޅަ ކުޅުއްވާފައިވާކަން ފާހަގަކުރައްވަމުން ދޮންބިލެތް ވިދާޅުވީ ރާއްޖޭގައި އިތުރަކަށް ފުޓުބޯޅަ ތަރައްގީ ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި މިވަގުތު ވެސް ރާއްޖޭގައި އަވަށްޓެރި އިންޑިއާގެ މަޝްހޫރު ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން ރާއްޖޭގައި އެބަ ތިބިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ކްރިކެޓް ވާލްޑް ކަޕް ހޯދި ދާނެ ކަމަށާއި، ދިވެހި ޒުވާނުންގެ އަމާޒު ކްރިކެޓަށް އަނބުރާލައިގެން، އެ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދިނުމަށްވެސް ދޮންބިލެތް ވަނީ ގޮވާލައްވައިފަ އެވެ.