ގައުމީ ފުޓްބޯޅް ޓީމް

ކޮލިފައިންގެ ކުރިން މެޗުތަކެއް ކުޅެނީ

އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅުމުގެ ކުރިން ރާއްޖެ ޓީމުން ޕްރެކްޓިސް މެޗު ތަކެއް ކުޅުމަށް މަސައްކަތް ފަށައިފި އެވެ.

މިއަންނަ އަހަރު އުޒްބަކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅެން ޖެހޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަކު ކޮލިފައިންގެ ކުރިން ޕްރެކްޓިސް މެޗު ތަކެއް ކުޅުމަށް ޒުވާން ގައުމީ ޓީމު ވަނީ އިއްޔެ ބަހުރެއިނަށް ފުރާފަ އެވެ.

ކޮލިފައިން މެޗު ތަކަށް ތައްޔާރުވާން ރާއްޖޭގެ ޒުވާން ޓީމުން ވަނީ ހަ ހަފްތާ ޕްރެކްޓިސް ކޮށްފަ އެވެ. މި ޕްރެކްޓިސް ތަކުގެ ތެރޭގައި ޓީމު ވަނީ ޅ. އަތޮޅުގައި ކޭމްޕުކޮށް އެކުވެރިކަމުގެ މެޗު ތަކެއް ވެސް ކުޅެފަ އެވެ. ކޭމްޕުގައި ކުޅުނު ހަ މެޗުގައި ރަނގަޅު ނަތީޖާ ތަކެއް ޓީމުން ނެރުނު އިރު، ކޭމްޕު ނިންމުމަށްފަހު މާލޭގައި ވެސް ހަތަރު ޕްރެކްޓިސް މެޗެއް ޒުވާން ޓީމުން ކުޅުނެވެ. މި މެޗުތައް ކުޅެފައި ވަނީ ގައުމީ ސީނިއާ ޓީމުގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންނާއި އެއްވަނަ ޑިވިޝަނުގެ ކުޅުންތެރިން ތަކެއް ހިމަނައިގެން އެކުލަވާލާފައިވާ ޓީމަކާއި ދެކޮޅަށެވެ.

ޓީމާއި ހަވާލު ވެގެން ބަހުރެއިނަށް ދަތުރުކުރީ ޒުވާން ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ސޮބާހް އެވެ. ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ޓީމާއި ގުޅޭނީ ލަންކާގައި އޮންނަ ފޯނޭޝަންސް ކަޕާއި ގުޅިގެން ރާއްޖެ ޓީމުގެ ބައެއް ކަންކަން ނިންމުމަށް ފަހުގަ އެވެ.

ކޮލިފައިން މެޗު ތަކާއި ކުރިމަތިލާއިރު ޒުވާން ޓީމަށް ގިނަ އިންޓަނޭޝަނަލް މެޗު ތަކެއް ލިބުން މުހިންމު ކަމަށް ސޮބާހް ފާހަގަ ކުރި އެވެ. އަދި ރަނގަޅު އިންޓަނޭޝަނަލް މެޗު ތަކެއްގެ ތަޖުރިބާ ލިބިއްޖެ ނަމަ ގައުމީ ސީނިއާ ޓީމުގައި ހައިޝަމް ހަސަން (ބިޑި) އާއި ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) ފަދަ އެތައް ކުޅުންތެރިއެއް ތިބޭނެ ކަމަށް ސޮބާހް ފާހަގަ ކުރި އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު އިރާގާ ކުޅުމަަށް ފަހު ދެ ވަަނަ މެޗުގައި ކުޅޭނީ 28 ވަަނަ ދުވަހު ބަހްރޭނާ އެވެ. އަދި ފަހު މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮތީ މި މަހު 31 ގަ އެވެ.

ޒުވާން ގައުމީ ޓީމުގެ ސްކޮޑު

އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަހުމަދު ނާހިލް އިބްރާހިމް، އަހްނަފް ރަޝީދު، ހަމްދޫން އަބްދުލް ލަތީފް، ހައިސަމް ރަޝީދު، ހަސަން އަލީފް އިބްރާހިމް، ހަސަން އީނާޒް، ހަސަން ނައްވާޝް، ހުސެއިން އަހުސަމް މޫސާ (ތިއްތޭ)، މުހައްމަދު ޖައިލަމް (އޮގީ)، މޫސާ އަޒީމް ހަސަން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ޝައިފުﷲ އިބްރާހިމް، ޒައިން ޒަފަރު، ޒަޔާން ނަސީރު، އަބްދުﷲ ޔާމީން (ޔާން)، ހުސެއިން ފައިސަލް (ފައިޓޯ)، އަލީ ނާޖިހު (ނާޖީ)، އަލީ އަޖްފާން އަމްޖަދު، ހަސަން ނަޒީމް (ޗޯޓު)، އިޝާގް ރަޝީދު، ހައިޝަމް ހަސަން (ބިޑި)
ޒުވާން ގައުމީ ޓީމުގެ އޮފިޝަލުންގެ ގޮތުގައި ހިމެނެނީ ކޯޗަކަށް ސުޒޭން، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ސޮބާ އާއި މުހައްމަދު ޝާހިދު (ޝާޑު)، ގޯލްކީޕަރު ކޯޗުންގެ ގޮތުގައި އިމްރާން މުހައްމަދާއި ހަސަން ހަމީދު (ޑަކޭ) އެވެ. މެނޭޖަރަކަށް މުހައްމަދު އަދުހަމް ހުރިއިރު، ޓީމު ޑޮކްޓަރަކީ ހިޝާމް އަލީ ޒަކީ އެވެ. އަދި ކިޓް މެނޭޖަރަކީ އިސްމާއިލް ނަސީރު (އިއްސެ) އެވެ.