ގައުމީ ފުޓްބޯޅް ޓީމް

ރާއްޖެ ޓީމުގެ ކޯޗުކަން މޮރިއެރޯއާ ހަވާލުކޮށްފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އާއި ހަވާލު ކޮށްފި އެވެ.

މޮރިއެރޯ އާއި ރާއްޖޭގެ ސީނިއާ ޓީމުގެ ކޯޗުކަން އެފްއޭއެމްއިން ހަވާލު ކުރީ މިރޭ އެވެ.

މިއީ އުމުރުން 52 އަހަރުގެ މޮރިއެރޯ ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދޭނެ ފުރަތަމަ ފަހަރެވެ. އަދި މީގެ ކުރިން އޭޝިއާގެ އެއްވެސް ޓީމަކަށް ވެސް މޮރިއެރޯ ކޯޗުކަން ކޮށްދީފައެއް ނުވެ އެވެ.

މޮރިއެރޯ އަކީ މިއަހަރުގެ ތެރޭގައި ރާއްޖެ ޓީމަށް ކޯޗުކަން ކޮށްދޭ ތިން ވަނަ ކޯޗަށެވެ. މިއަހަރުގެ ފުރަތަމަ ކޮޅު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ރާއްޖެ ޓީމަށް ކޯޗުކަން ކޮށްދިން އިރު، މިމަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމާއި ހަވާލުވީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ.

އައިވަރީކޯސްޓުގެ އެފްރިކާ ސްޕޯޓްސް ނޭޝަނަލްއިން 2006 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މޮރިއެރޯ ވަނީ ސީރިއާ ސީގެ ގިނަ ކްލަބު ތަކަކަށް ކޯޗުކަން ކޮށްދީފަ އެވެ. އަދި ސީރިއާ ބީގެ ބައެއް ކްލަބު ތަކަށް ވެސް ކޯޗުކަން ކޮށްދިން މޮރިއެރޯ ލުގާނޯ އާއި ޑައިނާމޯ ޓިރާނާއަށް ވެސް ކޯޗުކަން ކޮށްދިނެވެ.

އިޓަލީގެ ގައުމީ ޓީމަށް މޮރިއެރޯ ވަނީ 1998 އިން 1999 އަށް ކުޅެދީފަ އެވެ. ޖުމްލަ އަށް މެޗު ގައުމީ ޓީމަށް ކުޅުނު އިރު އޭނާ ވަނީ އިޓަލީ ޓީމަށް ދެ ގޯލު ޖަހައިދީފަ އެވެ. އޭގެ ފަހުން މޮރިއެރޯއަށް އިޓަލީ ޓީމުން ޖާގަ ލިބުން ދަތިވީ އަނިޔާގެ ސަބަބުން ގިނަ ދުވަސް ތަކެއް ކުޅުމާއި ދުރުގައި ހުންނަން ޖެހުމުންނެވެ.

ކްލަބު ފުޓްބޯޅައިގައި ކާމިޔާބު ކްލަބު ތަކަށް ކުޅުނު މޮރިއެރޯ ކްލަބު ފުޓްބޯޅަ ފެށީ 1986 ވަނަ އަހަރު ލެޗޭ އިންނެވެ. އޭގެ ފަހުން ކަގްލިއަރީ އާއި ރޯމާއަށް ވެސް ކުޅުނު މޮރިއެރޯ އިންޓާ މިލާނަށް ކުޅުނީ 1997 އިން 2000 ވަނަ އަހަރަށެވެ. އޭގެ ފަހުން 2002 ވަނަ އަހަރާއި ހަމައަށް އޭނާ ކުޅުނީ ނަޕޯލީ އަށެވެ.