ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމަށް އިޓަލީ އަދި އިންޓާ މިލާނަށް ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަވާލު ވާން އެއްބަސްވެފައިވާ ކަމަށް އިޓަލީގެ ކުޅިވަރު ރިޕޯޓުތައް ބުނެފި އެވެ.
ރާއްޖެ ޓީމާއި މޮރިއެރޯ ހަވާލުވާން އެއްބަސްވި ކަމަށް އިޓަލީގެ ރިޕޯޓު ތަކުން ބުނި ނަމަވެސް އެފްއޭއެމްއިން ބުނީ މިކަމުގައި ސީދާ އެއްބަސްވުމެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އަދި މޮރިއެރޯ އާއި މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން މޮރިއެރޯ ރާއްޖެ ޓީމާއި ހަވާލު ވާނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. މިއީ އުމުރުން 52 އަހަރުގެ މޮރިއެރޯ ގައުމީ ޓީމަކަށް ކޯޗުކަން ކޮށްދޭނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭޝިއާގެ އެއްވެސް ޓީމަކަށް ވެސް މޮރިއެރޯ ކޯޗުކަން ކޮށްދީފައެއް ނުވެ އެވެ.
މޮރިއެރޯއާއި ރާއްޖެ ޓީމު ހަވާލު ކޮށްފި ނަމަ އޭނާ ވެގެންދާނީ މިއަހަރުގެ ތެރޭގައި ރާއްޖެ ޓީމަށް ކޯޗުކަން ކޮށްދިން ތިން ވަނަ ކޯޗަށެވެ. މިއަހަރުގެ ފުރަތަމަކޮޅު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ރާއްޖެ ޓީމަށް ކޯޗުކަން ކޮށްދިން އިރު، މިމަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމާއި ހަވާލުވީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ.
އައިވަރީކޯސްޓުގެ އެފްރިކާ ސްޕޯޓްސް ނޭޝަނަލްއިން 2006 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި މޮރިއެރޯ ވަނީ ސީރިއާ ސީގެ ގިނަ ކްލަބު ތަކަކަށް ކޯޗުކަން ކޮށްދީފަ އެވެ. އަދި ސީރިއާ ބީގެ ބައެއް ކްލަބު ތަކަށް ވެސް ކޯޗުކަން ކޮށްދިން މޮރިއެރޯ ލުގާނޯ އާއި ޑައިނާމޯ ޓިރާނާއަށް ވެސް ކޯޗުކަން ކޮށްދިނެވެ.
އިޓަލީގެ ގައުމީ ޓީމަށް މޮރިއެރޯ ވަނީ 1998 އިން 1999 އަށް ކުޅެދީފަ އެވެ. ޖުމްލަ އަށް މެޗު ގައުމީ ޓީމަށް ކުޅުނު އިރު އޭނާ ވަނީ އިޓަލީ ޓީމަށް ދެ ގޯލު ޖަހައިދީފަ އެވެ. އޭގެ ފަހުން މޮރިއެރޯއަށް އިޓަލީ ޓީމުން ޖާގަ ލިބުން ދަތިވީ އަނިޔާގެ ސަބަބުން ގިނަ ދުވަސް ތަކެއް ކުޅުމާއި ދުރުގަިއ ހުންނަން ޖެހުމުންނެވެ.
ކްލަބު ފުޓްބޯޅައިގައި ކާމިޔާބު ކްލަބު ތަކަށް ކުޅުނު މޮރިއެރޯ ކްލަބު ފުޓްބޯޅަ ފެށީ 1986 ވަނަ އަހަރު ލެޗޭ އިންނެވެ. އޭގެ ފަހުން ކަގްލިއަރީ އާއި ރޯމާއަށް ވެސް ކުޅުނު މޮރިއެރޯ އިންޓާ މިލާނަށް ކުޅުނީ 1997 އިން 2000 ވަނަ އަހަރަށެވެ. އޭގެ ފަހުން 2002 ވަނަ އަހަރާއި ހަމައަށް އޭނާ ކުޅުނީ ނަޕޯލީ އަށެވެ.