ގައުމީ ފުޓްބޯޅް ޓީމް

23 އަހަރުން ދަށުގެ ގައުމީ ޓީމު ބަހްރޭނަށް ފުރައިފި

Oct 18, 2021

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ބަހްރޭނަށް ފުރައިފި އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ގުރޫޕް މެޗުތައް ބަހުރޭންގައި ކުރިއަށްދާނީ މިމަހުގެ 27 އިން 31 އަށެވެ.

ޓީމު މިއަދު ހެނދުނު ރާއްޖެއިން ފުރިއިރު ކޯޗް އަލީ ސުޒޭން ޓީމާ އެކު ދަތުރުކޮށްފައެއް ނުވެ އެވެ. އެކަމަކު އަވަސް އަށް އެނގިފައިވާ ގޮތުގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ކޯޗެއްގެ ގޮތުގައި ސުޒޭން ބައިވެރިވާނެ އެވެ.

ޓީމާ އެކު ބަހްރޭނަށް ދިޔައީ އެސިސްޓެންޓް ދެ ކޯޗުން ކަމަށްވާ ސަބާހް މުހައްމަދާއި، މުހައްމަދު ޝާހިދު (ޝާޑު) އެވެ.

ބަހްރޭނަށް 23 އަހަރުން ދަށުގެ ޓީމުން ކުރާ ދަތުރުގައި ތަޖުރިބާ ހޯދުމަށް އިތުރު ދެ މެޗު ކުޅޭނެ އެވެ.

ޓީމު ބަހްރޭނަށް ފުރުމުގެ ކުރިން ޅ. އަތޮޅުގައި ކޭމްޕްކޮށް މީގެކުރިން ހަ މެޗެއް ކުޅެފައިވެ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި އުޅޭ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ހިމެނެ އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ކުޅުންތެރިޔަކީ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އާއި، ސީނިއާ ޓީމުގެ ބަދަލު ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިރާގުގެ ގައުމީ ޓީމާ އެވެ. ދެވަނަ މެޗުގައި 29 ވަނަ ދުވަހު ބައްދަލުކުރާނީ ބަހްރޭނާ ދެކޮޅަށެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ފަހު މެޗުގައި ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ކުރިއަށް ދަނީ 11 ގުރޫޕަކަށް ބަހާލައިގެން ކަމަށްވާތީ ކޮންމެ ގުރޫޕަކުން އެންމެ މޮޅު ޓީމު މުބާރާތަށް ކޮލިފައިވާނެ އެވެ. ކޮންމެ ގުރޫޕަކުން ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ވެސް މުބާރާތަށް ކޮލިފައިވާނެ އެވެ.