ގައުމީ ފުޓްބޯޅް ޓީމް

އާދީއްތަ ދުވަހު ސުޒޭން ޒުވާން ޓީމާއި ގުޅޭނެ

ދިވެހި 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ޓީމާއި ގުޅުމަށް އާދީއްތަ ދުވަހު ބަހްރެއިނަށް ފުރާނެ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ޒުވާން ޓީމު ބަހްރެއިނަށް ފުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު ކޯޗު ސުޒޭންގެ އިތުރުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއް ކަމުގައިވާ ހައިޝަމް ހަސަން (ބިޑި) ޓީމާއި އެކު ދަތުރު ކޮށްފައެއް ނުވެ އެވެ.

ޓީމާ އެކު ބަހްރޭނަށް ދިޔައީ އެސިސްޓެންޓް ދެ ކޯޗުން ކަމަށްވާ ސަބާހް މުހައްމަދާއި، މުހައްމަދު ޝާހިދު (ޝާޑު) އެވެ.

އެފްއޭއެމްއިން ބުނީ ސުޒޭން އޭރު ޓީމާއެކު ދަތުރު ނުކުރީ މިއަންނަ މަހު ލަންކާގައި އޮންނަ ފޯނޭޝަންސް ކަޕާއި ގުޅިގެން ރާއްޖެ ޓީމުގެ ބައެއް ކަންކަން ނިންމުމަށް ކަމަށެވެ. ހައިޝަމް ޓީމާއެކު އޭރު ނުދިޔައީ ސާފް ޗެމްޕިއަންޝިޕަށް ފަހު ރެސްޓު ކުރުމުގެ ގޮތުންނެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތައް އުޒުބަކިސްތާންގައި ކުރިއަށްދާނީ މިމަހުގެ 27 އިން 31 އަށެވެ. އޭގެ ކުރިން ރާއްޖެ ޓީމު ބަހްރެއިނަށް ދަތުރު ކުރީ ޕްރެކްޓިސް މެޗު ތަކެއް ކުޅުމަށެވެ.

ކޮލިފައިންގައި މިމަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިރާގުގެ ގައުމީ ޓީމާ އެވެ. ދެވަނަ މެޗުގައި 29 ވަނަ ދުވަހު ބައްދަލުކުރާނީ ބަހްރޭނާ ދެކޮޅަށެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ފަހު މެޗުގައި ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

މުބާރާތް ކުރިއަށް ދަނީ 11 ގުރޫޕަކަށް ބަހާލައިގެން ކަމަށްވާތީ ކޮންމެ ގުރޫޕަކުން އެންމެ މޮޅު ޓީމު މުބާރާތަށް ކޮލިފައިވާނެ އެވެ. ކޮންމެ ގުރޫޕަކުން ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ވެސް މުބާރާތަށް ކޮލިފައިވާނެ އެވެ.

ޒުވާން ގައުމީ ޓީމުގެ ސްކޮޑު

އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަހުމަދު ނާހިލް އިބްރާހިމް، އަހްނަފް ރަޝީދު، ހަމްދޫން އަބްދުލް ލަތީފް، ހައިސަމް ރަޝީދު، ހަސަން އަލީފް އިބްރާހިމް، ހަސަން އީނާޒް، ހަސަން ނައްވާޝް، ހުސެއިން އަހުސަމް މޫސާ (ތިއްތޭ)، މުހައްމަދު ޖައިލަމް (އޮގީ)، މޫސާ އަޒީމް ހަސަން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ޝައިފުﷲ އިބްރާހިމް، ޒައިން ޒަފަރު، ޒަޔާން ނަސީރު، އަބްދުﷲ ޔާމީން (ޔާން)، ހުސެއިން ފައިސަލް (ފައިޓޯ)، އަލީ ނާޖިހު (ނާޖީ)، އަލީ އަޖްފާން އަމްޖަދު، ހަސަން ނަޒީމް (ޗޯޓު)، އިޝާގް ރަޝީދު، ހައިޝަމް ހަސަން (ބިޑި) އެވެ.

ޒުވާން ގައުމީ ޓީމުގެ އޮފިޝަލުންގެ ގޮތުގައި ހިމެނެނީ ކޯޗަކަށް ސުޒޭން، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ސޮބާ އާއި މުހައްމަދު ޝާހިދު (ޝާޑު)، ގޯލްކީޕަރު ކޯޗުންގެ ގޮތުގައި އިމްރާން މުހައްމަދާއި ހަސަން ހަމީދު (ޑަކޭ) އެވެ.

މެނޭޖަރަކަށް މުހައްމަދު އަދުހަމް ހުރިއިރު، ޓީމު ޑޮކްޓަރަކީ ހިޝާމް އަލީ ޒަކީ އެވެ. އަދި ކިޓް މެނޭޖަރަކީ އިސްމާއިލް ނަސީރު (އިއްސެ) އެވެ.