އުރީދޫ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ކެޓުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ރާއްޖެ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ރާއްޖެ އާއި އިނޑިއާ ރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ރާއްޖް ޓީމު ފައިނަލަށް ނުގޮސް މުބާރާތުން ކެޓުމުގެ 100 ޕަސެންޓް ޒިންމާ އޭނާ ނަގާ ކަމަށެވެ.
ފައިނަލަށް ދަތުރު ނުކުރި ނަމަވެސް ރޭ ކުޅުންތެރިން ކުރީ ވަރަށް ބުރަ މަސައްކަތަކާއި ހިތްވަރެއްކަން ސުޒޭން ފާހަގަ ކުރި އެވެ. އެގޮތުން ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ހައްގުވާ ކަަމަށް ސުޒޭން ބުންޏެވެ.
އެކަމަކު ދިވެހި ކޯޗުންނަށް ޓީމު ކުރިއެރުވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ސުޒޭން ބުންޏެވެ. "މުބާރަތުން ބަލިވި ނަމަވެސް މިއީ ދިވެހި ކޯޗުންނަށް ނުވާ ވަރުގެ ކަމެކޭ ނުބުނެވޭނެ. މުބާރަތުގެ ސްޓޭޓިސްޓިކްސް އާއި ފެކްޓަށް ބެލީމަ އެކަން އެނގޭނެ. ދިވެހި ކޯޗުންނަށް ނުވާނެއޭ ބުނުމަކީ ކުރިމަގުގަ އަންނަން ހުރި ކޯޗުންނަށް ވެސް ކުރެވޭ މަލާމާތެއް" ސުޒޭން ބުންޏެވެ.
މޮޅު ނުވަތަ އެއްވަރު ވެގެން ވެސް ފައިނަލަށް ދެވެން އޮތް މެޗުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާ އަކުންނެވެ. އިންޑިއާ ޓީމުން ވަރުގަދަ ކުޅުމަކާއި އެކު ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުމުން ކުރިން މެޗު ތަކުގައި ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅުނުހެން މި މެޗުގައި ރާއްޖެއަށް ނުކުޅެވުނެވެ.
ސުޒޭން ބުނީ މެޗުން ބަލިވީ އިންޑިއާއިން މެޗުގެ ފުރަތަމަ 15 މިނެޓުގައި މޮޅު ކުޅުމަކާއި އެކު ވަރަށް ބޮޑަށް ކުރިއަށް ޕްރެސް ކުރިއިރު، ރާއްޖެއަށް ރަނގަޅު ކުޅުމަކުން ނުފެށުމުން ކަމަށެވެ. އަދި ޗެތުރީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް މިރޭ ފެނުނު އިރު އޭނަ ހުއްޓުވުމުގައި ޑިފެންސް ރާއްޖޭގެ ލައިނުން މައްސަލަ ތަކެއް ދިމާވިކަން ސުޒޭން ފާހަަގަ ކުރި އެވެ.
މީގެ އިތުރުން ރާއްޖޭގެ ކީޕަރު ފައިސަލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް މިރޭ ފެނިފައި ނުވާ ކަމަށް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ އެކަން އެގޮތަށް ދިމާވީ ކުރީ މެޗުގައި އަނިޔާގެ ސަބަބުން ފައިސަލް ބަދަލުކޮށްފައި ވާއިރު މި މެޗުގައި އޭނާގެ ކޮންފިޑެންސް ލެވެލް އެންމެ ރަނގަޅު ނުވުން ކަަމަށް ވެދާނެ ކަމަށެވެ.