އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުުން މޮޅުވެ އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރާއްޖޭގެ ގައުމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން އިންޑިއާ ރާއްޖެ ބަލި ކުރީ 3-1 ގެ ނަތީޖާ އަކުންނެެވެ.
މިރޭގެ މެޗުގައި ކޮންމެހެން ވެސް މޮޅުވަން މަޖުބޫރު ވުމުން އިންޑިއާ ޓީމުން ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޕްރެސް ކޮށްގެންނެވެ. މި މެޗުގައި ރާއްޖެ ކުޅުންތެރިން ހުއްޓުވަން އިންޑިއާއިން ގިނަ ފައުލް ތަކެއް ކުރި އެވެ.
ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ގިނަ ހަމަލާ ތަކެއް އުފެއްދި އިރު، އިންޑިއާގެ ބްރަންޑޮން ފެނާންޑޭޒް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށް ދިޔައިރު އޯވާ ހެޑަކުން ސުނިލް ޗެތުރީ ފޮނުވާލި ބޯޅަ ވެސް ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން ޗެތުރީ ބޮލުން ޖެހި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ނިކުތުމުން ޗިންގްލެންސަނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
އިންޑިއާއިން ފުރަތަމަ ހާފުގައި ޖެހި ގޯލަކީ މެދު ތެރެއިން ދިން ތުރޫ ޕާހަކުން މިންވާރް ސިންގް ހަނި އޭންގަލްގައި ހުރެފައި ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި ރާއްޖޭގެ މަހުދީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން އިންޑިއާގެ ކީޕަރު ދިފާއު ކުރިއިރު، ކައުންޓާ އެޓޭކެއްގައި އަލީ އަޝްފާގް (ދަގޭ) ފޮނުވާލި ހަމަލާ ދިފާއު ކުރީ ޑިފެންޑަރު ސުބްހާސިޝް ބޯސޭ އެވެ. ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރީ އިންޑިއާ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން އަޝްފާގް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް އިންޑިއާއިން ވަނީ ދެ ގޯލު ޖަހާފަ އެވެ. މި ދެގޯލަކީ ވެސް އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ޖަހައިދިން ދެ ގޯލެވެ. އޭގެ ފަހުން ޓީމު ޑިފެންސަށް ޖައްސަން ގެނައި ބަދަލު ތަކުގެ ތެރޭގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
މެޗުގެ ފަހު ކޮޅުގައި އިންޑިއާ ޓީމުގެ ކޯޗަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ވެސް އޭނާ ވަނީ އަލުން ބެންޗަށް ގޮސް ޝަކުވާ ކޮށްފަ އެވެ. އޭގެ ފަހުން އިންޑިއާގެ ޑިފެންޑަރު ސުބްހާސިޝް ކުރި ފައުލަކާއި ގުޅިގެން މެޗުގެ އިތުރު ވަގުތުގައި އަށް ވެސް ވަނީ ރަތް ކާޑު ދައްކާފަ އެވެ.
ރާއްޖެއަށް ގޯލު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުނެވެ. އަޝްފާގު ދިން ޕާހަކުން ނާއިޒް ފޮނުވާލި ބޯޅަ ބޭރަށް ދިޔައިރު އިބްރާހިމް ހަސަން ވަހީދު ފޮނުވާލި ހަމަލާ ވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މި ނަތީޖާ އާއި އެކު މުބާރާތުގެ ފައިނަލުގައި ވާދަ ކުރާނީ ނޭޕާލާއި އިންޑިއާ އެވެ. ފައިނަލް މެޗު އޮންނާނީ 16 ވަނަ ދުވަހުގެ ރޭގަނޑު ނުވައެއް ޖަހާއިރު އެވެ.