ސާފް ޗެމްޕިއަންޝިޕް

ރައިޓްސް ނެތި ވިއްކާނަމަ ފިޔަވަޅު އަޅާނަން: އެފްއޭއެމް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަރުމާ ކޮށްފައިވާ ޖާޒީ ވިއްކުމުގެ ހުއްދަ ނެތް ފަރާތް ތަކުން އެ ޖާޒީ ނުވިއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިލްތިމާސް ކޮށްފި އެވެ.

ރޭ ދަންވަރު އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަރުމާ ކޮށްފައިވާ ޖާޒީ ހުއްދަ ނެތް ފަރާތް ތަކަކުން ދަނީ ވިއްކަމުންނެވެ. އަދި މިއީ އެއްބަސްވުމެއްގެ ދަށުން ވަކި ބަޔަކަށް އެކްސްކްލޫސިވް ރައިޓްސް ދީގެން ވިއްކަން ހުއްދަ ދީފައިވާ ޖާޒީއެއްކަން ފާހަގަ ކުރަމުން، ހުއްދަ ނެތް ފަރާތް ތަކުން ޖާޒީ ވިއްކުން ހުއްޓާލަން އަންގާފައިވެ އެވެ.

މިއީ ކޮޕީރައިޓާއި، އެއާއި ގުޅޭ އެހެނިހެން ހައްގު ތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހަމަތަކާއި ހިލާފު ކަމެއްކަން ފާހަގަ ކުރަމުން، ހުއްދަ ނެތި ޖާޒީ ވިއްކާ ފަރާތް ތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ޖާޒީ ފަރުމާ ކޮށްފައި ވަނީ ގައުމީ ޓީމުގެ ކިޓް ޕާޓްނަރު އައިލެންޑް އެޕެރެލްސް އިންނެވެ. މިއީ ގައުމީ ޓީމުގެ ޖާޒީ ފަރުމާ ކުރަން ރާއްޖޭގެ ބަޔަކާއި ހަވާލުކުރި ފުރަތަމަ ފަހަރެވެ.

ފަހުގެ ތާރީހެއްގައި ގައުމީ ޓީމުގެ ރަސްމީ ޖާޒީގެ ކުލަ ރަތް ނޫން އެހެން ކުލައަކުން ހަދާފައި ވަނީ މިފަހަރު އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ހޯމް ކުލައަކީ ހުދެވެ. ރަތް އަދި ފެހި ކުލައިގެ ޖާޒީ ބޭނުން ކޮށްފައި ވަނީ އަވޭ ކިޓަކަށެވެ.