މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓު ގެއްލުމަކީ ވަރަށް ބޮޑަށް ޓީމު ޕްރެޝަރަށް ވެއްޓިގެން ދާނެ ކަމެއް ކަމަށް ރާއްޖެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމަކީ ޓީމު ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓޭނެ ކަމެއް ކަމަށެވެ. ނޭޕާލު އަތުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާ އަކުންނެވެ.
އެހެންކަމުން މިހާރު މިއޮތީ މުބާރާތް ފެށިއިރު އޮތް ވަރަށްވުރެ މުހިންމު ހާލަތަކަށް ވެއްޓިފައި ކަން ފާހަގަ ކުރަމުން ސުޒޭން ބުނީ، އަލުން ފަށައިގަނެ ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންވީމާ އެކަމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ސުޒޭން ބުންޏެވެ.
ރޭގެ މެޗުގައި ނޭޕާލުން ކުޅުނީ ކައުންޓާ އެޓޭކް ކުރުމަށް ކަން ފާހަގަ ކުރަމުން ސުޒޭން ބުނީ އެޓީމުން އެކަން ވަރަށް ރަނގަޅަށް ކާމިޔާބު ކޮށްފި ކަމަށެވެ. އަދި ދިވެހި ޓީމުން މޮޅަށް ކުޅުނު ނަމަވެސް އިދިކޮޅު ގޯލަށް އުފެއްދުނީ އެންމެ ކްލިއާކަޓް ޗާންސެއް ކަމަށް ސުޒޭން ބުންޏެވެ.
ނޭޕާލުން ޖެހި ގޯލަކީ ކައުންޓާ އެޓޭކެއްގައި ކާމިޔާބު ކުރި ވަރަށް ރީތި ގޯލެކެވެ. ރާއްޖެއިން އެޓޭކް ކުރުމުގައި ގެއްލުނު ދެ ބޯޅައެއްގެ ބޭނުން ހިފައި ނޭޕާލުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ފުރުސަތުގެ ބޭނުން ހިފައި ނޭޕަލުން ވަނީ ގޯލު ޖަހާފަ އެވެ.
ރާއްޖެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު "ޓީމް ގޭމެއް" ކަން ފާހަގަ ކުރަމުން ސުޒޭން ބުނީ ޓީމަށް މައްސަލަ ދިމާވީ ގޯލު ޖެހުމުގައި ކަމަށެވެ. އެގޮތުން "ރާއްޖެއިން ވަރަށް ގިނަ ޕާސްތަކެއް ކޮށްގެން އެޓޭކިން ތާޑުގަ ޑޮމިނޭޓް ކުރިތަން ފެނުނު. އެހެން ނަމަވެސް މީގަ މަދުވެގެން ދިޔަ ހަމައެކަނި އެއްޗަކީ އެޓޭކިން ތާޑުގަ ފައިނަލް ބޯޅަސަޕްލައި ކޮށްލުން ނޫނިއްޔާމުން ކްރިއޭޓިވް ޕާހެއް ނުވަތަ ޕެނެޓްރޭޓިވް ޕާހެއް މިސް ވެގެން ދިޔުން" ކަމަށް ސުޒޭން ބުންޏެވެ.
އަންނަ މެޗުގައި ފުރަތަމަ 11 އިން ބަދަލުތަކެއް ފެނިދާނެތަ؟
މިރޭގެ މެޗު ދިޔަ ގޮތަށް ބަލައި ކުރިއަށް ހުރި މެޗު ތަކުގައި ފުރަތަމަ 11 އިން ބަދަލު ތަކެއް ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސުޒޭން ބުންޏެވެ. އެކަމަކު ޓީމުގެ ފުރަތަމަ 11 އިން މާ ގިނަ ބަދަލު ތަކެއް ނުފެންނާނެ ކަމުގެ ޔަގީންކަން ސުޒޭން ވަނީ ދީފަ އެވެ.
މެޗުގެެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ނާއިޒް ހަސަން (ދާދު) ގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ދާދު ވަނީ އިދިކޮޅު ގޯލަށް ގިނަ ހަމަލާ ތަކެއް ފޮނުވާލުމުގެ އިތުރުން ޓީމުގެ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްދީފަ އެވެ.
މިފަހަރުގެ މުބާރާތަށް ނިކުން އިރު ޓީމުގެ ފިޓްނަސް މައްސަލައެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ސުޒޭން ބުންޏެވެ. އޭގެ ބަދަލުގައި ކުރެވުނު ފަރިތަކުރުން ތަކާއި އެކު ކުޅުންތެރިންގެ ބުންވަރު ރަނގަޅު ފެންވަރެއްގައި ހުރިކަން ސުޒޭން ފާހަގަ ކުރި އެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ސަޕޯޓަރުން މާޔޫސް ނުވުމަށް އެދެމުން ސުޒޭން ވަނީ ދެން ހުރި މެޗު ތަކުގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމުގެ އުންމީދު ސަޕޯޓަރުންނަށް ދީފަ އެވެ.
މުބާރާޔުގައި ރާއްޖޭގެ މެޗެއް ދެން އޮންނާނީ އޮކްޓޫބަރު ހަތެއްވާ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އެ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީލަންކާގެ މައްޗަށް ބަންގްލަދޭޝް ކުރިހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ.