ސާފް ޗެމްޕިއަންޝިޕް

މާދަމާ ވިއްކާނީ މީހަކަށް 2 ޓިކެޓް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ އެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީ ސްޓޭޑިއަމްގަ އެވެ.

މިއީ މުބާރާތުގެ ލީގު ބުރުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.

އެފްއޭއެމް އިން ބުނީ ބުދަ ދުވަހުގެ މެޗަށް މާދަމާ ޓިކެޓް ވިއްކަން ފަށާއިރު، މީހަކަށް ވިއްކާނީ އެންމެ ގިނަ ވެގެން ދެ ޓިކެޓް ކަމަށެވެ.

މީގެ ކުރިން ވިއްކަމުން އައީ އެންމެ ގިނަ ވެގެން މީހަކަށް ފަސް ޓިކެޓެވެ.

ބުދަ ދުވަހުގެ މެޗަށް ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުގަ އެވެ.

އެތަނުގައި ތިން ކައުންޓަރު ބަހައްޓައިގެން 3،000 ޓިކެޓް ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވެ އެވެ. އަވޭ ޓީމު (އިންޑިއާ) ސަޕޯޓަރުންނަށް ވިއްކާނީ 200 ޓިކެޓެވެ. މި ޓިކެޓު ތައް ވިއްކާނީ ގަލޮޅު ދަނޑުގައި ހުންނަ ކައުންޓަރު ތަކުންނެވެ.

ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ.