ގައުމީ ފުޓްބޯޅް ޓީމް

20 އަހަރުން ދަށުގެ ޓީމު އުޒެބްކިސްތާން އަތުން ބަލިވެއްޖެ

ލިޔުނީ: އަބްދުﷲ ޝަހީމް

އޭޝިއަން ކަޕް 20 އަހަރުން ދަށުގެ ކޮލިފައިންގައި ރޭ ރާއްޖޭގެ ފުޓްބޯޅަ ޓީމު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 7-0 އިން ބަލިވެއްޖެ އެވެ.

ރާއްޖެ އާއި އުޒްބެކިސްތާންގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ މެޗުތައް ކުޅެމުންދާ ސައުދީ އަރަބިއާ އާއި މިޔަންމާ އަދި ޗައިނާ އެވެ.

މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ޗައިނާއިން ރޭ ވަނީ 2-1 އިން މިޔަންމާ ބަލިކޮށްފަ އެވެ.

ޒުވާން ޓީމު ކޮޅަށް އުޒްބެކިސްތާނުން ވަނީ ފުރަތަމަ 23 މިނެޓް ތެރޭ ފަސް ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް އެޓީމުން ޖެހިއިރު ދެވަނަ ހާފުގައި ރާއްޖޭން ވަނީ ވަރުގަދައަށް ޑިފެންސްކޮށް، ބައިކޮޅަށް ވަން ގޯލުގެ އަދަދު މަދުކޮށްފަ އެވެ. އުޒްބެކިސްތާނުގެ ފަހު ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އުޒްބެކިސްތާނުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ޖެހީ މުޒައްމަދަލީ އުސްމަނޯފް އެވެ. ދެވަނަ ލަނޑު 12 ވަނަ މިނެޓުގައި ޖެހީ އެޓީމުގެ ކެޕްޓަން ޝަހުޒޮދްބަކް ރަހުމަތުއްލަޔައޭފް އެވެ. އޭގެ ތިން މިނެޓު ފަހުން އުޒްބެކިސްތާންގެ ތިންވަނަ ގޯލު ޖެހީ ރިއާން އިސްލާމްފޯމް އެވެ. ބާވީސް ވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ގޯލު އުސްމަނޯފް ޖެހިއިރު އޭގެ މިނެޓެއް ފަހުން އުޒްބެކިސްތާނުގެ ފަސްވަނަ ގޯލު ޖެހީ އަސަދުބެކް ޖޮރަބޮއޭފް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ހަވަނަ ގޯލު ޖެހީ ޝަހުޒޮދްބެކް އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އުޒްބެކިސްތާންގެ އުސްމަނޯފް ވަނީ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މެޗުގެ ފަހު 30 މިނެޓު ރާއްޖޭން ކުޅުން ރަނގަޅުކޮށް އެޓޭކް ތަނަވަސްކުރަން މަސައްކަތްކޮށްފައިވެ އެވެ. މެޗުގެ ފަހުކޮޅު ރަނގަޅަށް ޑިފެންސްކުރި ނަމަވެސް އުޒްބެކިސްތާނުގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލައެއް ފޮނުވައެއް ނުލެވުނެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ސައުދީ އަރަބިއާއާ ދެކޮޅަށެވެ.

މި މެޗު ފަށާނީ އެރޭ ރާއްޖެ ގަޑިން ރޭގަނޑު 11:30 ގައެވެ. އަންނަ އަހަރުގެ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ބާއްވާނީ އުޒްބެކިސްތާނުގަ އެވެ.