ގައުމީ ފުޓްބޯޅް ޓީމް

ވަރުގަދަ އިންޑިއާ އަތުން ބަލިވެ ގައުމީ އަންހެން ޓީމު ކަޓައިފި

ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމު އިއްޔެ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން 0-9 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

މިފަހަރުގެ މުބާރާތުގައި ހަތް ގައުމަކުން އަންނަނީ ވާދަކުރަމުންނެވެ. ރާއްޖޭގެ ގްރޫޕުގައި އިންޑިއާގެ އިތުރުން ހިމެނެނީ ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.

ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް 0-3 އިން ރާއްޖެ ވަނީ ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ފަހު މެޗުތަކަށް ދާއިރު އިންޑިއާ އާއި ބަންގްލަދޭޝް މިހާރު ވަނީ ސެމީ ފައިނަލަށް ހޮވިފަ އެވެ.

މިވަގުތު ގޯލުގެ ތަފާތުން އިންޑިއާ އެއްވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. ގްރޫޕުގެ އެއްވަނަ ކަށަވަރުވާނީ އިންޑިއާ އާއި ބަންގްލަދޭޝް ވާދަކުރާ މެޗުންނެވެ.

ގްރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލް އާއި ބޫޓާން އަދި ސްރީ ލަންކާ އެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުގައި ނޭޕާލުން 0-4 އިން ބޫޓާން ބަލިކުރިއިރު ދެ ވަނަ މެޗުގައި ލަންކާ އަތުން ބޫޓާން ވަނީ 0-5 އިން މޮޅުވެފަ އެވެ. މި ގްރޫޕުގެ ފަހު މެޗުގައި ނޭޕާލާ ލަންކާ ވާދަކުރާނީ މާދަމާ އެވެ.

ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ތިން ގޯލުގެ ލީޑެއް ނެގި އެވެ. އަނެއް ހަ ގޯލު އެޓީމުން ޖެހީ ދެވަނަ ހާފުގަ އެވެ.

މިފަހަރުގެ މުބާރާތަށް އިންޑިއާ ނުކުތީ ޔޫރަޕާއި އޭޝިއާގެ އެކި ގައުމުތަކުގައި ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެންނެވެ.

މުބާރާތުގެ ތާރީހުގައި އިންޑިއާ ވަނީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފަ އެވެ. 2019 ވަނަ އަހަރު އިންޑިއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޭޕާލް ބަލިކޮށްފަ އެވެ.

އެ އަހަރުގެ އިތުރުން އިންޑިއާ އިން ވަނީ 2010، 2012، 2014 އަދި 2016 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މި މުބާރާތުގައި ރާއްޖެ އަށް އެންމެ ކުރިއަށް ދެވުނީ 2016 ވަނަ އަހަރު ސެމީ ފައިނަލަށެވެ.