ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ކުޅިވަރު ގާނޫނަށް ހަސަން ލަތީފް ވަނީ ގިނަ އިސްލާހުތަކެއް ހުށައަޅާފަ އެވެ. އެ ބިލް މަޖިލީހަށް ހުށައަޅާފައިވާ އިއްޔެ އެވެ. އެ ބިލްގައި މައިގަނޑު ގޮތެއްގައި ވަނީ ގައުމީ ކުޅިވަރު ކައުންސިލްގެ ބައެއް މެންބަރުން އިންތިހާބު ކުރެވޭ އުސޫލަށް ގެނެވިފައިވާ ބަދަލުތަކާއި އިންތިހާބު ބޭއްވުމާއި ގުޅޭ ގޮތުންނެވެ.
ހަސަން ލަތީފް ހުށައެޅުއްވި އިސްލާހުތަކަށް އިޝާރާތް ކުރައްވާ މަހުލޫފް ވިދާޅުވީ ރައީސް ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދަނީ ކުރިއަށް ކަމަށެވެ. އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ހިނގަނީ ޑިމޮކްރެޓިކްކޮށް ރާއްޖޭގެ ގާނޫނުތަކާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާ ވެސް އެއްގޮތަށް ކަމަށެވެ.
ނަމަވެސް ހަސަން ލަތީފްގެ އިސްލާހުތަކުގައި އެ އުސޫލުތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމަށް އިޝާރާތް ކުރައްވާ އެފަދަ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ކުޅިވަރު ގާނޫނަށް ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރު ކައުންސިލްގެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ބުނެފައިވުމެވެ. އިސްލާހުގައި ވާގޮތުން ކުޅިވަރު ކައުންސިލްގެ އިންތިހާބުތައް އެ ބިލް ތަސްދީގު ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ. އޭނާގެ އިސްލާހުގައި ބުނެފައިވަނީ އެ މަގާމުތަަކަށް މީހުން ކަނޑައަޅާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އިންތިހާބަކުން ކަމަށެވެ.
ހަސަން ލަތީފްގެ އިސްލާހުތަކާއި ގުޅިގެން މިނިސްޓަރު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު އެ އިސްލާހުތަކަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ނަޝީދު ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓިކްކޮށް ދެ ފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއްވެސް ވަރަށް ބޭނުންތެރި ކަމަށެވެ. ހަސަން ލަތީފްގެ ބިލުން އެކަންކަން ހާސިލްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ހަސަންގެ އިސްލާހުތަކާމެދުވެސް އިދިކޮޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކުޅިވަރުގެ ތެރެއަށް އެމްޑީޕީން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ނުފޫޒުތައް ހުއްޓާލުމަށް ކްލަބުތަކާއި އެސޯސިއޭޝަންތަކުން ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ދޭން ޖެހޭނެ ކަމަށެވެ. ސައީދު ވިދާޅުވީ ހަސަން ލަތީފުގެ ބިލުން ބައިނަލްއަގްވާމީ ކުޅިވަރުތަކުން ރާއްޖެ ބާކީވުމަށް މަގުފަހިކޮށްދޭ ކަމަށެވެ.