ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް މަޖިލީހަށް ތައާރަފުކޮށްފަ އެވެ.
ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެ ކަމަށް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެމްބަރަކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވެއްޖެ ނަމަވެސް މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މި އިސްލާހުގައިވެ އެވެ.
ގާނޫނުއަސާސީއަށް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީއަކުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ އިންތިހާބުވި ދައުރުގެ ތެރޭގައި ޕާޓީގެ މެމްބަރުކަމުން ވަކިކުރުމުންވެސް ގޮނޑި ގެއްލޭނެ އެވެ.
އިސްލާހުގައިވާ ގޮތުން ޕާޓީއަކުން އިންތިހާބުވެފައިވާ މެމްބަރެއް ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުން ފިޔަވައި އެނޫން ސަބަބަކާހުރެ ޕާޓީގެ މެމްބަރުކަމުން ވަކިކުރާ ހާލަތުގައި އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތުން އޭނާ މަގާމުން ވަކިކުރަން ނިންމުމުންވެސް ގޮނޑި ގެއްލޭނެ އެވެ.
މީގެ އިތުރުން މެމްބަރަކު މަގާމުން ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނެގޭ އާއްމު ވޯޓުގައި މެމްބަރު ވަކިކުރަން އަގުލަބިއްޔަތުން ނިންމައިފި ނަމަވެސް މެމްބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައިވެ އެވެ.
ހަސަން ލަތީފް މި އިސްލާހު ހުށަހަޅުއްވާފައިވާއިރު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފަ އެވެ.
އެންޓި-ޑިފެކްޝަން ގާނޫނަކީ، ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކޮށްފައިވާ ގާނޫނެވެ.
މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބު ކުރާ މެންބަރުން އެ އިންތިހާބު ކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބު ކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއް ކަމަށް ހެދުން ހިމެނެ އެވެ.
ހަމަ އެއާއެކު މި ގާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި އަމަލުކުރާނެ އިޖުރާއަތުތައްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެންބަރުކަމުން އިސްތިއުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ހައްގުވެސް ލިބެ އެވެ.