ރައްޔިތުންގެ މަޖިލިސް

އަޒުހާންގެ މައްސަލަ ބޭރުކުރަން އެމްޑީޕީ ޕީޖީގެ ވިޕްލައިނެއް

ޒުވާނާގެ މަރުގެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިޕްލައިން ނެރުނު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެފަދަ ވިޕްލައިނެއް ނެރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެެވެ.

"މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލަ މި މަޖިލީހަށް ހުށަހެޅުމަށް ފޮނުވީމާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަޝިޕުން އެ މައްސަލަ ބަލައިނުގަންނަން ވިޕްލައިނެއް ނެރެ އަޅުގަނޑުމެންނަށް އެ ގޮތަށް ވޯޓު ދޭން އަންގާފައި އޮތީމަ އަޅުގަނޑު ލަދުގަނޭ، ކަންބޮޑުވޭ" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާނާ ހޯދުމަށް އެކަށީގެންވާ ގޮތެއްގައި ފުލުހުންނަށް މަސައްކަތްކުރެވުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަން އެދެވޭ ގޮތުގައި ކުރެވުނު ނަމަ އޭގެ ކުރިން ފެނުނީސް ކަމުގައިވެސް ވިދާޅުވި އެވެ.

މައްސަލައިގައި މަޖިލީހުން ކުރެވެން ހުރި ކަންކަން ބަލައި، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީންވެސް ކުރެވެން ހުރި ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް ހަސަން ވިދާޅުވި އެވެ.

ހުޅުމާލެއިން މުހައްމަދު އަޒުހާން ގެއްލުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. މިމަހުގެ ދެވަނަ ދުވަހު ފުލުހުން ވަނީ އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާކަން ހާމަކޮށްފަ އެވެ.

ހަށިގަނޑު ކުނިވެފައިވާ ކަމަށާއި އެއީ އަޒުހާންކަން ޔަގީންކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.