ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފުރުވާ ލެވޭ ގޮތަށް ހަދާފައިވާ ގަވައިދެއްގެ ބައިތައް އުނިކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން ވިޕްލައިނެއް ނެރުނު މައްސަލައިގައި މެންބަރުން ހިތްހަމަ ނުޖެހިއްޖެ އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ އެ މައްސަލަ ބޭރުކޮށްލުމަށް ތްރީލައިން ވިޕް ނެރެފަ އެވެ.
މި މައްސަލައިގައި ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން ތާއީދުކޮށް ވޯޓު ދެއްވާފައިވަނީ 24 މެންބަރުންނެވެ. ބަހުސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 16 މެންބަރުންނެވެ. އެހެންވެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށާފަ އެވެ.
މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ މި މައްސަލަ މަޖިލީހުން ބޭރު ކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ރެޑް ވިޕެއް ނެރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މި މައްސަލަ ބޭރުކުރަން ރެޑް ވިޕެއް ނެރުނީ އޭނާގެ ފިކުރު ތަފާތުވުމުން ކަމަށެވެ. އަދި މި މައްސަލަ އަކީ ސަރުކާރަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.
"ރެޑް ވިޕްލައިން ނެރުނު ބޭފުޅުންނަކީ ހަގީގަތުގައި އެއްވެސް ކަމެއްގައި ސަރުކާރަށް ފަސޭހަ ވާނެ ގޮތަކަށް އަދި މިސަރުކާރު ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަކަށް އަދި ތާއީދެއް ލިބޭނެ ގޮތަކަށް އަމަލު ކުރަން ބޭނުންވާ ބޭފުޅުންނެއް ނޫން،" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފްގެ އިތުރުން އިދިކޮޅުގެ ގިނަ މެންބަރުންނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންވެސް ވަނީ އެމްޑީޕީގެ ވިޕްލައިންގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މި މައްސަލައިގެ ބަހުސްއަށް ވޯޓަށް އެހިއިރު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްވެސް ވޯޓު ދެއްވީ ބަހުސް ކުރަން ފެންނަ ކަމަށެވެ.
ހަސަން ލަތީފް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީން މިހާތަނަށް އެކުލަވާލި ކޮންމެ މެނިފެސްޓޯއެއްގައިވެސް "މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން" އެއީ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ޖެހިޖެހިގެން ތިން ރިޔާސީ އިންތިހާބީ އަހަރެއްގެ މެނިފްސްޓޯގައި މިހެން އޮތް ނަމަވެސް މިއަދު ފެންނަނީ އެ ސިޔާސަތާ ދެކޮޅަށް އަދި މަސްތުވާތަކެތި ޓްރެފިކް ކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު އެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ގެޒެޓްކުރާ މަންޒަރު ކަމަށެވެ.