ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ބޭފުޅަކީ މިހާރު ރައީސްުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ގަބޫލު ނުކުރައްވާތީ، ޕާޓީގެ ތެރެއިން ހިމޭން ބަޣާވާތެއް ހިންގާ ކަމަށް ތުހުމަތުކޮށް، ޕާޓީގެ ޗެއާޕާސަންގެ މަގާމުން ހަސަން ލަތީފު ދުރުކޮށްދޭން އެދިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށް، އޭގެ ރައްދުގައި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ނުފޫޒު ފޯރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ހަސަން ލަތީފުގެ ކިބައިން ޝުއައިބް ވަނީ އެދިވަޑައިގެންފައި އެވެ.
އެ ސިޓީއާ ގުޅިގެން ޝުއައިބަށް ހަސަން ލަތީފު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާއި އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާ ކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އެ ޖަވާބާ ގުޅިގެން، ޝުއެއިބް ވަނީ ހަސަން ލަތީފުގެ މައްޗަށް ވެސް ގިނަ ތުހުމަތުތަކެއްކޮށް ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެ ސިޓީގައި ޝުއައިބް ވިދާޅުވީ ޕާޓީގެ އެންމެ އިސް ފަރާތަކީ ރާއްޖޭގައި އެ ވަގުތަކު ވެރިކަން ކުރައްވާ ޕާޓީގެ މެންބަރު ކަމަށް ވަރަށް ސާފުކޮށް ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާއިރު، އެކަން ޕާޓީގެ ޗެއާޕާސަން ގަބޫލު ކުރައްވަން ދެކޮޅު ހެއްދެވުމަކީ ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެންކަމުން މިފަދަ ނުރައްކާތެރި ކޮވިޑުގެ ހާލަތާއި އަދި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާމެދު ދޮގު ވާހަކަތައް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ގައިވައިދުގެ 75 ވަނަ މާއްދާ މުތުލަގަށް ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިއާއަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއާޕާސަން ހަސަން ލަތީފު މިހާރުން މިހާރަށް މަގާމުން ދުރުކޮށް ދެއްވުމަށް ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން އިހުލާސްތެރިކަމާއެކު މަނިކުފާނަށް ދަންނަވަމެވެ،" ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ޝުއައިބް އެދިވަޑައިގެންފައި ވެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި ވަނީ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާ އެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް،" ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުން އެކެހެރިވެ ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ކެބިނެޓްގެ މަގާމަކަށް އައްޔަން ކުރެއްވީ ރައީސް ސޯލިހު ކަމަށާއި އެ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ، ރައީސް އެދިވަޑައިގެންނެވުމުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓެއް ނަގާށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ބޭނުން ވަނީ 10 މެމްބަރެއްގެ ސޮއެވެ. އެކަމަކު އެ މައްސަލަ މަޖިލިހުން ފާސް ކުރަން 44 ވޯޓް ބޭނުންވާނެ އެވެ. އެއީ މަޖިލީހުގެ އެ އަދަދަށް ވޯޓު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީން ކަމެއް ރައީސް ނަޝީދަކަށް ލިބި ވަޑައިގެންފަ އެއް ނުވެއެވެ.