ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްހަލަތު އިސްކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ޕާޓީ ގުރުބާން ކުރައްވައިގެން ކަމަށާއި އެއީ "ޣައްދާރުވުން" ކަމަށް ބުނެ އެކަން ޕާޓީގެ ފަރާތުން ހުއްޓުވައި ދިނުމަށް އެދިއްޖެ އެވެ.
މިގޮތަށް އެދިފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައީސް ނަޝީދު ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށް، އޭގެ ރައްދުގައި ޝުއައިބް ފެބްރުއަރީ 7، 2012 ގައި "ބަޣާވާތަކުން" އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެމްޑީޕީން މަސައްކަތް ކުރީ ނަޝީދުގެ ހައްގުގައި ކަމަށެވެ.
އެމްޑީޕީގެ އާންމު މެންބަރުންގެ ލޯތްބާއި ތާއީދު ވެސް އޭރު ލިބިފައިވާ ނަޝީދަށް ނުހައްގުން ޝަރީއަތްކޮށް ހުކުމް ކޮށްފައިވާތީ އެމަނިކުފާނު މިނިވަން ކުރުމުގެ ބޭނުމުގައި އޭރުގެ މަޖިލިސް މެންބަރުން ވެސް މަސައްކަތް ކުރެއްވި ކަން ފާހަގަކުރެއްވި އެވެ.
އޭގެ ފަހުން އެމްޑީޕީގެ އާންމު މެންބަރުން އެންމެ ނުރުހި ތިބި ހަތެއް ފެބްރުއަރީގެ މުޒަހާރާގެ އިސް ލީޑަރުންނާ އެކުގައި އެމްޑީޕީން މަސައްކަތް ކުރަން ނިންމީ ވެސް ރައީސް ނަޝީދުގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ. ދެވަނަ ފަހަރަށް އެމްޑީޕީގެ ސަރުކާރެއް އުފެދި ރައީސް ނަޝީދު މިނިވަން ވެފައި ވަނީ އާންމު މެންބަރުންގެ އެ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރެއް އުފެދި، ރައީސުލްޖުމްހޫރިއްޔާއަކީ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށްވާ އިރު، އެމްޑީޕީގެ އަސާސީ ގަވައިދުގައި ވެސް އޮންނަ ގޮތުން ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސް ސޯލިހް ކަމަށް ޝުއައިބު ވިދާޅުވި އެވެ. ރައީސް ނަޝީދަށް ދެން ވެސް އޮތް އިހުތިރާމާއެކު މަޖިލީހުގެ ރައީސް ކަން ވެސް ޕާޓީގެ މެންބަރުން ދެއްވާފައިވާ ކަން ވެސް ޝުއައިބުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެކަމަކު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައިގެން ކަމަށް ސިޓީގައިވެއެވެ. ޕާޓީގެ ސްލޮޓްގައި ތިއްބެވި ވަޒީރުންނަށް ފިޔަވަޅު އަޅަން މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ވިސްނުންފުޅުގައިވާ ބަރުލަމާނީ ނިޒާމަކަށް އެއިން ވަޒީރުން ތާއީދު ނުކުރައްވާތީ ކަމަށް ވެސް ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.
ވަޒީރުންގެ މައްސަލަ ގައުމީ މަޖިލީހަށް ގެންނަން ވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނާކާމިޔާބުވާނެ ކަން އެނގުމުން ކަމަށް ޝުއައިބްގެ ސިޓީގައިވެ އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ.
އެހެންކަމުން ވަޒީރުންނަށް ނުފޫޒު ފޯރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ހަސަން ލަތީފުގެ ކިބައިން ޝުއައިބް ވަނީ އެދިވަޑައިގެންފައި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް ރައީސް ނަޝީދުއާއި ދެބޭފުޅުން އެއް މޭޒެއްގެ ދޮށުގައި ބައިތިއްބައިގެން މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމަކީ މަނިކުފާނުގެ ގާނޫނީ ވާޖިބެކެވެ. މަޖުބޫރުކަމެކެވެ،" ޝުއައިބުގެ ސިޓީގައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުން އެކެހެރިވެ ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ކެބިނެޓްގެ މަގާމަކަށް އައްޔަން ކުރެއްވީ ރައީސް ސޯލިހު ކަމަށާއި އެ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ، ރައީސް އެދިވަޑައިގެންނެވުމުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން ފައްޔާޒު އެކަހެރިވެ ވަޑައިގަންނަވަން އެ މަނިކުފާނު ދެކެ ވަޑައިގަންނަވާތީ އެކަމަށް އެދި ވަޑައިގަންނަވަނީ ފައްޔާޒު ހުންނަވައިފި ނަމަ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.
ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓެއް ނަގާށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ބޭނުން ވަނީ 10 މެމްބަރެއްގެ ސޮއެވެ. އެކަމަކު އެ މައްސަލަ މަޖިލިހުން ފާސް ކުރަން 44 ވޯޓް ބޭނުންވާނެ އެވެ. އެއީ މަޖިލީހުގެ އެ އަދަދަށް ވޯޓު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީން ކަމެއް ރައީސް ނަޝީދަކަށް ލިބި ވަޑައިގެންފަ އެއް ނުވެއެވެ.