ހަބަރު

ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ކަށަވަރު މަގަކީ ބަރުލަމާނީ

Sep 16, 2020
2

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއްގެ އެންމެ ކަށަވަރު މަގަކީ ވެސް އެފަދަ ނިޒާމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ހަބަރު ސިޓީ" ހަވަނަ އަދަދު ގައި "ރައްޔިތުންނަށް ހެޔޮތުގައި ވެރިކަން ކޮށްދިނުން" މި ސުރުހީގައި ރައީސް ނަޝީދު ލިޔުއްވަވާފައިވާ ކުރުކުރު މަޒުމޫނެއްގައި ވަނީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ކޯޅުމަށް އަލިއަޅުއްވާލައްވައިފަ އެވެ.

ރައީސް ނަޝީދު ލިޔުއްވާފައިވާ ގޮތުން ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނު ފާހަގަ ކުރައްވާ ނުކުތާތަކަކީ ރައީސް ސޯލިހުގެ ސަރުކާރު ނިކަމެތި ކުރަން ފާހަގަ ކުރާ ކަންކަމެވެ. އެކަމަކު އެއީ ވަރަށް ބޮޑު އޮޅުމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހާދަހާވާ ބޮޑު އޮޅުމެކެވެ. އާދެ! ވެރި ކަމުގެ ނިޒާމް ބަދަލު ކުރުމަށް އަޅުގަނޑު އެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާާނީ ނިޒާމެވެ. ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ،" ނަމަވެސް އެއީ އަދި ފަހުގެ ވާހަކައެއްކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މަޒުމޫނުގައި އެމަނިކފާނު ފާހަގަ ކުރައްވާ ކޮރަޕްޝަނާއި ފަސާދައިގެ ވަހަކައަކީ ބަރުލަމާނީ ނިޒާމާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށް ލިޔުއްވާފައި ވެއެވެ. އަދި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް އެދިވަޑައިގަންނަވާނަމަ އެވާހަކަ ދަންނަވާނެ ކަމަށް ވެސް ލިޔުއްވާފައި ވެއެވެ.

"އަޅުގަނޑު ބޮޑު ވަޒީރަކަށް ވާން އެދޭ ނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ. މިހާރުވެސް ކުރާން ހުރި ކަންކަން މަދީއެއް ނޫނެވެ. މީހާއާ ދިމާވެފައިވާ މައްސަލަތައް ވެސް ގިނަ އެވެ. މިއަދު މިބުނާ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަޅުގަނޑުގެ އަމާޒު ނުގެއްލުމުންނެވެ." ކުރު އެކަމަކު ވަރަށް މާނަފުން އިބާރާތަކެއް ގެނެސް ދެއްވަފައިވާ މަޒުމޫނުގައި ވެއެވެ.

އެ މަޒުމޫނުގައި އަނިޔާ އާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރާއްޔިތުންގެ އިތުބާރު އެމްޑީޕީއާ ގުޅިގައި އޮންނަ ދެ ސިފަ ކަމަށް ބަޔާން ކުރައްވާ ރައީސް ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ރައްޔިތުންގެ ވޯޓު އެ ޕާޓީއަށް ހޯދޭނީ އެ ސިފަތައް އާލާ ކޮށްގެނެވެ.