މަސައްކަތްތައް ގިނަވެ ކޮންޓްރެކްޓަރުންނަށް ނުކަތާ ވަރަށް މަސައްކަތްތައް ލިބިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާގުޅޭ ގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"މިނިސްޓްރީން ވަރަށް ބައިވަރު މަސައްކަތް ކުރަމުން އެބަ ގެންދަން. ދެން އަޅުގަނޑަށް ހީވަނީ އަސްލު މަސައްކަތްތައް ގިނަވެގެން ގޮސް ކޮންޓްރެކްޓަރުންނަށް ނުކަތާ ވަރަށް މަސައްކަތް ލިބިގެން،" މަޝްރޫއުތައް ކުރިއަށްނުދާ ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.
މަސައްކަތަށް ސައިޓް މޮބިލައިޒް ކުރަން އޮންނަ ދުވަހު މޮބިލައިޒް ނުކުރެވުމުން އެކަމާ ގުޅޭ ގޮތުން ސުވާލުކުރާ ކަމަށާއި މަސައްކަތާ ގުޅޭ ގޮތުން ކޮންޓްރެކްޓަރު އެކި ތާރީހުތައް ދޭކަން މަހުލޫފް ފާހަގަކުރެއްވި އެވެ. މަހުލޫފް ވަނީ މަސައްކަތަށް ބާރު އަޅަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މީގެ ކުރިން ބަޔަކު ނުކުރާ ވަރަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މިނިސްޓްރީން މަސައްކަތްކޮށްފައިވާ ކަމަށެވެ.
"ޔޫތު މިނިސްޓްރީން އަޅުގަނޑުމެން މިދިޔަ ހަތަރު އަހަރު ދުވަހު މިކުރި މަސައްކަތް ނުބައްދަލުވާނެ މީގެ ކުރިން ބަޔަކު ނުކުރާ ވަރަށް މަސައްކަތްކޮށްފައި ހުންނާނެ،" މަހުލޫފް ވިދާޅުވި އެވެ.
ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދިއުމުން ކޮންޓްރެކްޓް ބާތިލުކޮށް އެ މަސައްކަތް ކުރިއަށް ގެންދަން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. ރަށު ކައުންސިލާ މަސައްކަތް ހަވާލުކުރީ ޔޫތު މިނިސްޓްރީއަށް އެ މަސައްކަތް ނުވުމުން ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.