މާލޭގެ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލުމަށްފަހު އާ ދަނޑެއްގެ މަސައްކަތް ލަސްވަނީ އެކަމަށް ހިނގާ ހަރަދުގެ ސަބަބުން ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ހުޅުމާލެ ދުވާ ޓްރެކްގައި ދަނޑު ގާއިމުކޮށް ލައިޓް ހަރުކުރުމަށް ގާތްގަނޑަކަށް 15 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާ ކަމަށެވެ.
އެކަން އަވަހަށް އަދި ފަސޭހައިން ކުރެވޭނެ ގޮތް ބަލަމުންދާ ކަމަށާއި އެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހަވާލުކޮށްގެން ކުރުމުގެ ވިސްނުން އެބަ އޮތް ކަމަށް ވިދާޅުވި އެވެ. ހުޅުމާލެ ޓްރެކް ދަނޑުގެ އެ މަސައްކަތަށްފަހު ގަލޮޅު ދަނޑު ތަޅާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ މަސައްކަތް އިންޑިއާގެ ލައިން އޮފް ކްރެޑިޓް [އެލްއޯސީ]ގެ ދަށުން ކުރިއަށް ދިޔަ ނަމަވެސް ގަލޮޅު ދަނޑު ތަޅާލުމުގެ ހަރަދު އެލްއޯސީގައި ނުހިމެނޭ ކަމަށާއި ނަތީޖާއަކީ އެކަމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހުން ކަމަށް ވިދާޅުވި އެވެ.
ހުޅުމާލެ ޓްރެކް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި ބަޖެޓު ހަމަޖެހިއްޖެނަމަ އަންނަ އަހަރު ޓްރެކް ރަނގަޅުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަހްލޫފް ވަނީ މިދިޔަ އޮކްޓޫބަރު މަހު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލުމަށްފަހު އާ ދަނޑެއްގެ މަސައްކަތް ފެށުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.
ގަލޮޅު ދަނޑު ތަރައްގީކުރުން މި އަހަރަށް ކަނޑައަޅާފައިވާ ކުޅިވަރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިއަހަރަށް މަޖިލީސް ހުޅުވުމަށް ފެބްރުއަރީ ތިންވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖައްސާފައިވާތީ އެ ލޯނުން ބައެއް މިއަހަރު ލިބޭނެ ކަމަށް ބަލައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 55 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ހިމެނުމަށްވެސް ނިންމާފައިވެ އެވެ.
ގަލޮޅު ދަނޑުގެ ދެކުނު ފަރާތާއި އިރުމަތި ފަރާތުގެ ސިޑި ބަރި ގިނަ ދުވަސްވުމާ ގުޅިގެން އެ ދެ ސިނޑިބަރި ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން އަންގާފައިވާތީ މީގެ ދެ އަހަރެއް ކުރިން އެ ސިޑި ބަރި އާންމުކޮށް ބޭނުންކުރުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ބައެއް ހާއްސަ އިވެންޓްތަކަށް ވަރަށް މަދުން ބޭނުންކޮށްފައިވެ އެވެ.