އަހުމަދު މަހްލޫފު

އާ ދަނޑުގެ މަސައްކަތް ފެށުމުގެ އެންމެ ފަހު މަރުހަލާގައި

މާލޭގެ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލުމަށްފަހު އާ ދަނޑެއްގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް [އެލްއޯސީ]ގެ ތެރެއިން ގަލޮޅު ދަނޑު ތަޅާލުމަށްފަހު އާ ދަނޑެއްގެ މަސައްކަތް ކުރުމަށް ހިމަނާފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ތެރޭގައި ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އާއި ނެޝަނަލް ވޮލީބޯލް ސެންޓަރާއި ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރުގެ އިތުރުން ކުޅުދުއްފުށި، ހިތަދޫ، ތިނަދޫ އަދި ފުވައްމުލަކުގެ ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތްވެސް ހިމެނިފައިވާ ކަމަށާއި މިހާރު މަޝްރޫއު ކުރިއަށްދާ ގޮތުން މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް އޮތީ ހުޅުމާލޭގައި މި އޮތް ޓްރެކް ދަނޑުގައި ކުޅެވޭނެ ގޮތަށް ސެޓަޕް ހެދުން. އެކަންކޮށް ނިންމާފަ އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ގަލޮޅު ދަނޑު ތަޅާލާނީ. އެއާ އެކީގައި އެދަނޑު ހަމަ ވަރަށް ރަނގަޅު ފެންވަރެއްގައި ދަނޑެއްގެ ގޮތުގައި ތަަރައްގީ ކުރެވިގެންދާނެ" މަހުލޫފު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުންކުރީ އިންޖިނިއަރުންގެ ލަފާ ހޯދައިގެން ކަމަށާއި ސިޑިބަރި ބޭނުންކުރީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. ދަނޑުގެ ގިނަ ސިޑިބަރިތައް ހަދާފައިވަނީ އުވަ އާއި އަކިރި ބޭނުންކޮށްގެން ކަމަށާއި އެތަން ތަޅާލަން ޖެހޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މަހުލޫފް ވަނީ ގަލޮޅު ދަނޑު ތަރައްގީކޮށް ނިމުމުން އެތަން ފެންނަން ހުންނާނެ ގޮތުގެ ކުރެހުންތަކެއް އާންމުކޮށްފަ އެވެ.

ގަލޮޅު ދަނޑު ތަރައްގީކުރުން މި އަހަރަށް ކަނޑައަޅާފައިވާ ކުޅިވަރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިއަހަރަށް މަޖިލީސް ހުޅުވުމަށް ފެބްރުއަރީ 3، 2022 ގައި ދެއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖައްސާފައިވާތީ އެ ލޯނުން ބައެއް މިއަހަރު ލިބޭނެ ކަމަށް ބަލައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 55 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ހިމެނުމަށްވެސް ނިންމާފައިވެ އެވެ.

ގަލޮޅު ދަނޑުގެ ދެކުނު ފަރާތާއި އިރުމަތި ފަރާތުގެ ސިނޑި ބަރި ގިނަ ދުވަސްވުމާ ގުޅިގެން އެ ދެ ސިނޑި ބަރި ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން އަންގާފައިވާތީ މީގެ ދެ އަހަރެއް ކުރިން އެ ސިނޑި ބަރި އާންމުކޮށް ބޭނުންކުރުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ބައެއް ހާއްސަ އިވެންޓްތަކަށް ވަރަށް މަދުން ބޭނުންކޮށްފައިވެ އެވެ.