ރައްޔިތުންގެ މަޖިލިސް

މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރު ނުކުރެވުނު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ވެވަޑައިނުގެންނެވުމުން ވަޒީރުއާ ސުވާލުކުރުން ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފް މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރުން އޮތީ އެޖެންޑާކޮށްފަ އެވެ.

މަހުލޫފް މަޖިލީހަށް ހާޒިރުކުރަން އެޖެންޑާކުރީ ވޭމަންޑޫ ޒުވާނުންގެ މަރުކަޒާ ގުޅޭ ގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ސުވާލު ކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ވަޑައިގެންނެވެން ނެތްކަން މަހުލޫފް މަޖިލީހަށް އެންގެވީ މިއަދު ހެނދުނު 9:00ގައި ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަޒީރު ހެޔޮ ހާލުކޮޅަށްވީމާ މަޖިލީހަށް އަނެއްކާވެސް ވަޑައިގަންނަވަން ދަންނަވާނަން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި ސުވާލުކުރަން އޮތް ވަޒީރަކަށް ހާލަތެއް ދިމާވެ ވަޑައިނުގެންނެވިއްޖެ ނަމަ އަލުން ސުވާލުކުރުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުން ލިބެ އެވެ.