ކުޅިވަރަށް މިހާރު ގާއިމުކުރެވޭ ވަސީލަތްތަކުގެ ނަތީޖާ ހަ އަހަރު ފަހުން ފެންނާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެގޮތުން ބޮޑު ފުޓްބޯޅަ ދަނޑުތައް ގާއިމުކުރުމަށް ސަމާލުކަންދޭ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރަށްރަށުގައި ފުޓްބޯޅަ ކުޅުން އެއްކޮށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މިއަދު ފެންނަނީ ރަށްރަށުގައި މަޖަލަށް ފުޓްސަލް ބަދަލުވެފައިވާ ތަން ކަމަށާއި މިނީ ފުޓްބޯޅަ ޕިޗްތަކެއްގައި ފުޓްސަލްގެ ނަމުގައި ކުޅެނީ ކަމަށް ވިދާޅުވި އެވެ.
"ދަނޑުތައް ގާއިމުކޮށްގެން އެ ރަށްރަށުގައި އަލުން މި ކުޅުން ފެށިގެން ގޮސް ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަކީ ބޭނުން. އަޅުގަނޑުގެ އުންމީދުކުރަނީ މިހާރު މި ގާއިމުކުރެވޭ ވަސީލަތްތަކުގެ ނަތީޖާ މީގެ ފަސް އަހަރު، ހަ އަހަރު ފަހުން ފެނިގެންދާނެ ކަމަށް" މަހުލޫފު ވިދާޅުވި އެވެ.
މާލޭގައި މީގެ ކުރިން ސްޓޭޑިއަމްއަށް ގޮސް އުޅުނު މަންޒަރު މިހާރު ރަށްރަށުން ކުޑަކުދިންގެ ފަރާތުން ފެންނަ ކަމަށާއި ރަނގަޅު ހުނަރުވެރި ކުދިން އުފެދިގެން އަންނާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ޓީމު ކޮޅަށް ގިނަ ގޯލުތަކެއް ވަންނާތީ އެކަމުގެ ކަންބޮޑުވުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސ [އެފްއޭއެމް] ގެ ރައީސް ބައްސާމް އަލީ އާ ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. ސަރުކާރުން ފުޓްބޯޅައަށް އިންވެސްޓްކުރާއިރު ޓީމު ރަނގަޅަށް ތައްޔާރުވެގެން ދެވޭ ގޮތަށް ކަންކަން އިންތިޒާމު ކުރުން މުހިންމުކަން ފާހަގަކުރި ކަމަށް ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލުން އެތައް މިލިއަން މީހުން އެ ގައުމުތަކުގެ ފުޓްބޯޅައަށް މިލިއަނުން ހަރަދުކުރާ ކަމަށާއި އޭގެ ނަތީޖާ ފެންނަ ކަމަށެވެ. އޭގެ ސަބަބުން އެ ގައުމުތަކާ އެއް ހަމައަށް އައުމަށް އުނދަގޫވާނެކަމަށް ވިދާޅުވި އެވެ.