ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅަށް މެއި 1، 2015 ގައި ކުރި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުން ހިންގުމުގެ ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒުކޮށްފައިވާ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.
ލަބާން ހައްޔަރުކޮށްފައި ވަނީ އެ ރޭ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގައިގައި ތަޅައިގަތުމުންނެވެ. އޭރު އޭނާ ކުޅެމުން ދިޔަ ކްލަބު އީގަލްސްއަށެވެ. އަދި އޭނާ ހައްޔަރު ކުރީ ޕްރެކްޓިސްގައި ހުއްޓަ އެވެ.
އެ މައްސަލާގައި ކުށް ސާބިތުވެ ލަބާންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ތިން އަހަރު ތަންފީޒު ކުރުމަށް ފަހު މިދިޔަ އަހަރު ކޯޓުން އޭނާ މިނިވަން ކޮށް ދޫކޮށްލި އެވެ.
ޖަލުން މިނިވަންވުމާއެކު ގްރީން ސްޓްރީޓަށް ސޮއިކޮށް ލަބާން ވަނީ އަލުން ދަނޑަށް ނުކުމެފަ އެވެ. އެއަށްފަހު މިދިޔަ މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ގައުމީ ޓީމުގައި ހިމެނި ރާއްޖެ ތަމްސީލުކުރި އެވެ. އެއަށް ފަހު ލަބާން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ.
ލަބާންއާއެކު ނަގާފައިވާ ފޮޓޯއަކާއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަބާން އެ މިނިސްޓްރީއާ ގުޅުމުން ވަރަށް އުފާ ކުރައްވާ ކަމަށާއި، އޭނާ އަކީ ގައުމުގެ ހައްގުގައި ތިން އަހަރު ޖަލުގައި އޮވެ ބޮޑު ގުރުބާނީއެއް ވެފައިވާ ޒުވާނެއް ކަމަށެވެ.
މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ 330 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތަށް އިތުރު ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 400 ވުރެ މައްޗަށް އަރަ އެވެ.