ރޭސިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އަށް ވަގުތީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދީފި އެވެ.
މިކަން ހާމަކުރައްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ރާއްޖޭގައި ރޭސިން ކުރިއަރުވާނެ ވާހަކަ އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ނެތް ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފާއިތުވި ހަތަރު އަހަރު މިކުޅިވަރަށް ގައުމީ ހައިސިއްޔަތުދީ އަދި މިކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެކަން އެނގޭ އެންމެ މުހިއްމު އެއް ނިންމުމަކީ ފާއިތުވި ހަތަރު ވެރިކަމުގައިވެސް ހަމަޖައްސައި ނުދެވުނު ބިމެއް ރޭސިން އެސޯސިއޭޝަނަކަށްޓަކައި ޔޫތު މިނިސްޓްރީއަށް މިސަރުކާރުން ހަމަޖައްސައިދިނުން ކަމަށްވެސް ވިދާޅުވި އެވެ.
"މިބިން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ، ރައީސް އޮފީސް، އާބަންކޯ، އެންވަޔަރަންމަންޓް މިނިސްޓްރީ އަދި ސްޓެލްކޯ އާއި އެކު އެކިފަހަރުމަތިން ގިނަ ބައްދަލުވުންތަކެއް ބޭއްވުނު،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ރޭސިން ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނީ ރައީސް ސޯލިހް މިކުޅިވަރަށް ދެއްވެވި އަހައްމިއްޔަތުގެ ބޮޑު ކަމުން ކަމަށެވެ.
"ހާއްސަކޮށް މިކުޅިވަރުގެ މުހިއްމުކަން ދެކެވަޑައިގެން މާސިންގާ ބޮޑު ބިމެއް ދެއްވި ކަމީ އެންމެ ބޮޑު ހައްލު. އިރާދަކުރެއްވިޔާ ރޭސިން ޓްރެކް އެބިމުގައި ތަރައްގީކޮށްދޭނީ އަޅުގަނޑުމެން. މިކަމުގެ ސަބަބުން މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް މަދުވެ، އެކްސިޑެންޓުތައް ހިނގުން މަދުވާނެ ކަމަށްވެސް ބެލެވޭ،" މަހްލޫފް ވިދާޅުވި އެވެ
ރޭސިން އަށް ޝައުގުވެރިވާ ބައެއް ޒުވާނުން ވަނީ މިކުޅިވަރު ކުރިއަރުވަން މިސަރުކާރުން ކުރާ މަސައްކަތް ސޯޝަލް މީޑިއާގައި ފާހަގަކޮށްފަ އެވެ. އެގޮތުން ރޭސިންގައި އުޅޭ ޒުވާނަކު ބުނި ގޮތުގައި މި ސަރުކާރުން މޮޓޯސްޕޯޓްސް ބަލައިގަނެފައި އޮތް ވަރު ޝައްކެއްނެތް ވަރަށް ޔަގީންވާ ކަމަށެވެ.
އަދި މިއީ މި ދުވަސްކޮޅުގެ ގޮތުން ހިންގާ ކަންކަމެެއް ނޫން. މިއީ ފަހަރަކު ހަރުފަތަކުން 2019 އިން ފެށި މަސައްކަތުގެ ފަހު މަރުހަލާ. މި ލިބުނީ އެސޯސިއޭޝަންއަށް އިތުރު ހިތްވަރެއް، އެތަކެއް ބަޔަކަށް ކުރެވުނު މަސައްކަތްތަކަށް އުފާ ވެވިއްޖެ،" ރޭސިން ކުރިއަރުވަން މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ހުއްޓުމެއް ނެތި މަސައްކަތް ކުރާކަން ގަބޫލުކޮށް ޒުވާނަކު ބުނެފައިވެ އެވެ.