ކުޅިވަރު

ކުޅިވަރަށް ހާއްސަ މަލްޓިސްޓޯރީ ދެ އިމާރާތަށް ބިން ހަމަޖައްސައިފި

ރާއްޖޭގައި ކުޅިވަރަށް ހާއްސަކޮށްގެން ހަދާ ފުރަތަމަ މަލްޓިސްޓޯރީ ދެ އިމާރާތް އެޅުމަށް ހުޅުމާލެ އިން ދެ ބިން ކަނޑައަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގައުމުގެ ހާލަތު ބަޔާންކުރައްވައި އެމަނިކުފާނު މިއަދު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާ އިން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާ ހަރަކާތްތެރިކަން އަންނާނޭ މަގުތައް ސަރުކާރުން ފަހިކޮށްދޭނެ ކަމަށާއި ކުޅިވަރު މުބާރާތްތަކަށް އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރުން ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަކަށް އަމާޒު ހިފައިގެން ފަށައިގަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ބިމުގެ ޖާގައަށް ބަލައިގެން ފަންގިފިލާތަކަލަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރު ކުޅޭ ތަންތަން ގާއިމުކުރަންޖެހޭ ކަމަށެވެ. އަދި ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުތަކުން ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކޮށްދީ ކުޅުންތެރީންނަށް ތަމްރީނާ އާމުދަނީގެ ފުރުސަތު އިތުރުކުރަން ޖެހޭ ކަމަށެވެ. މިހުރިހާ ކަމެއްގައި ވެސް ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

"ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ 'ފުޓްސަލް ކޮމްޕްލެކްސް' އަދި 'ނެޓްބޯޅަ ކޮމްޕްލެކްސް'އެއް އެޅުމަށް ހުޅުމާލެއިން ދެ ބިން މިހާރު ވަނީ ކަނޑައެޅިފައި،" ކުޅިވަރާ ގުޅޭ މުހިއްމު ދެ އިމާރާތެއްގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގައި "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން"ގެ ނަމުގައި ވަކި ވުޒާރާއެއް އުފެއްދެވީ ކުޅިވަރާއި ހަށިހެޔޮކަމުގެ މުހިއްމު ކަމަށް ސަރުކާރުން އިސްކަން ދޭތީ ކަމަށެވެ. މި ވުޒާރާގެ ދަށުން މި ދާއިރާއަށް ބޭނުންވާ ކަންކަން ހޯދައި އެކަންކަމަށް އެދެވިގެންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

"މީގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމް ތަކުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތްތަކާ ބެހޭ މިންގަނޑުތައް އެކުލަވާލުމުގެ ގޮތުން ދިވެހިރާއްޖޭގައި ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުރިހަމަކުރަންޖެހޭ 'މިނިމަމް މެޑިކަލް ރިކުއާމަންޓް" އާބެހޭ އުސޫލު ތައްޔާރުކޮށް މި ހިދުމަތް 15 ޖަނަވަރީ 2024 ގައި ވަނީ އިފްތިތާހްކުރެވިފައި. އަދި މި ހިދުމަތް އަތޮޅުތެރޭގައާއި މާލޭގައި ބޭއްވޭ ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކަށް ލިބިދޭނެ އިންތިޒާމް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ "ހައި ޕާފޯމަންސް ސެންޓަރު"ގެ މަސައްކަތްވެސް މިސަރުކާރުން ފަށާނެ ކަމަށެވެ. އަދި ކުޅިވަރާއި ކަސްރަތުގެ މުހިއްމުކަމާއި ގުޅޭގޮތުން ސްކޫލު ކުދިންނާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރުގެ ރިވެތި އަހްލާގާއި ގުޅޭގޮތުން ކުޅުންތެރިންނަށް މައުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ތަފާތު އެކި ކުޅިވަރުތައް ކުޅޭ ދިވެހި ހުނަރުވެރި ގިނަ އެތުލީޓުން މިއަދު ތިބީ މާޔޫސްކަމުގައި. ހަމައެކަނި ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅައަށް ނަޒަރު ހިންގައިލާއިރު ވެސް، ސަރަޙައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ. ކުޅުންތެރީންނަށް އިތުރު ތަމްރީނާ، އާމްދަނީގެ މަގުތައް ވެސް ހުރީ ބަންދުވެފައި. މިއީ ހިތާމަހުރި ކަމެއް،" ދިވެހި ކުޅިވަރު އޮތް ދެރަ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ޒުވާނުންގެ ޝައުގު އިތުރުވަމުންދާ، ރޭސިން، ސާފިން، މޫދުކުޅިވަރު، އީ-ގޭމިން ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވާން ސަރުކާރުންވެސް މަސައްކަތް ފަށާނެ ކަމަށެވެ. ކުޅިވަރުގެ މައިދާނާއި، ސިޔާސީ މަސައްކަތްތަކާއި، ގައުމީ ހިދުމަތާ، އިޖުތިމާއީ ކަންކަމާ، މި ނޫން ހުރިހާ ކަމެއްގައިވެސް ދެ ޖިންސަށް ވެސް، ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް ކަމަށާއި ކުރިއަށް ދިއުމުގައި ދެޖިންސަށްވެސް ހަމަހަމަ ފުރުސަތު މި ސަރުކާރުގައި އަބަދުވެސް އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.