އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދި ރާއްޖޭގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން މިއަދު ހޯދުމާ ގުޅިގެންނެވެ. ނޭޕާލުގައި ކުރިއަށް ދިޔަ މިމުބާރާތުގައި ދީމާ ވާދަކުރެއްވީ ސްރީލަންކާގެ ކުޅުންތެރިޔަކާ އެވެ.
ދީމާގެ ކާމިޔާބީ ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ގޮތުގައި ދީމާ ދިވެހި ގައުމު ފަހުރުވެރިކޮށްދީފި ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާގައި މިއަދަކީ ރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށެވެ. ދީމާގެ ހިތްވަރާއި ހުނަރު ފާހަގަކުރައްވާ ރައީސް ވަނީ ދީމާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.
މިއަހަރުގެ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮންނަ އޮލިމްޕިކްސްގައި ދީމާއަށް ފުރިހަމަ ކާމިޔަބީއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ދީމާ ހޯދި ފަހުރުވެރި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ. ދީމާގެ ކާމިޔާބީ ފާހަގަކޮށް ވަރަށް ގިނަ ދިވެހިންވެސް ގެންދަނީ މަރުހަބާ ކިޔަމުންނެވެ.