ފާތުމަތު ދީމާ

އައިއޯސީގެ ސްކޮލާޝިޕެއް ދީމާއަށް

Feb 8, 2022

ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަށް އޭނގެ ހުނަރު އިތުރުކުރުމަށް ސްކޮލާޝިޕެއް ލިބިއްޖެ އެވެ.

ދީމާ އަށް ލިބުނު އޮލިމްޕިކް ސްކޮލާޝިޕަކީ ފްރާންސްގެ ވެރިރަށް ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވުމަށް އެހީތެރިވުމުގެ ގޮތުން ދީފައިވާ ސްކޮލާޝިޕެކެވެ.

ދުނިޔޭގެ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ހަމަޖައްސައިދީފައިވާ މި ސްކޮލާޝިޕަށް ހޮވެނީ އެކި ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ހުނަރާއި ކާމިޔާބީއަށް ބަލައި، އޮލިމްޕިކްސް ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮތް އެތުލީޓުންނެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ އަށްވަނަ ވެސް މިދިޔަ އަހަރު ހޯދާފައިވާ ދީމާ މިވަގުތު ވެސް ގެންދަނީ ބެންކޮކްގައި ތަމްރީންތަކެއް ފުރިހަމަކުރަމުންނެވެ. ރާއްޖޭގައި އަންނަ މަހު ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ދީމާ ރާއްޖެ އަންނާނެ އެވެ.

ދީމާ އަށް ލިބުނު ސްކޮލާޝިޕާ ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ އޭނާ އަށް މަރުހަބާ ކިޔާފަ އެވެ.

ދީމާ ތަމްރީންތައް ހަދާނެ ޓްރެއިނިން ސެންޓަރަކާއި އޭނާ ކިޔެވުމަށްޓަކައި އިންޓަނޭޝަނަލް ސްކޫލެއް އާއިލާއާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފައިވެ އެެވެ.

އުމުރުން 14 އަހަރުގެ ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް އަަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދުމުގެ އިތުރުން 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ތިން ރަން މެޑަލް ވެސް ހޯދާފަ އެވެ.