ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުޓްބޯލް ފޯ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.
ފުޓްބޯލް ފޯ ޕީސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވީ އެ ޖަމިއްޔާގެ ކޯ-ފައުންޑަރު ކާޝިފް ސިއްދީގީއާއި، ބްރެޑްފަޑް ސިޓީ އޮފް ކަލްޗާގެ ސީއީއޯ ޝާހްނާޒް ގުލްޒާރެވެ.
މި ބައްދަލުކުރެއްވުމުގައި ޔުނިވަސިޓީ ޕީސް ސެންޓަރުގައި ފުޓްބޯލް ފޯ ޕީސްއިން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފަ އެވެ. މީގެއިތުރުން އެ މަނިކުފާނު ވަނީ އެ ސެންޓަރުގެ ފުޓުބޯޅަ ދަނޑުތައް ބައްލަވާލައްވައި، އެ ވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދިޔަ ޒުވާނުންނާ ބައްދަލުވެސް ކުރައްވާފަ އެވެ.
ދެހާސް ތޭރަވަނަ އަހަރު އުފެއްދި ފުޓްބޯލް ފޯ ޕީސްއަކީ، ފުޓުބޯޅައިގެ ޒަރިއްޔާއިން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމަށް އދގެ އޮފީސް ފޯ ސްޕޯޓްސް ފޯ ޑިވަލޮޕްމަންޓް އެންޑް ޕީސްގެ އެހީތެރިކަމާއެކު ހިންގާ، ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ.
ފުޓްބޯލް ފޯ ޕީސް އަކީ ސުލްހަ ކުރިއެރުވުމާއި، ޝާމިލު އިޖުތިމާއީ ވެއްޓަކަށް ތާއީދުކުރާ، ސްޕޯޓްސް ޑިޕްލޮމަސީ އާއި ދޭސީ ޕްރޮގްރާމްތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ޖަމިއްޔާ އެކެވެ.
އަޅާނުލެވި، އެކަހެރިވެފައިވާ ޒުވާން މުޖުތަމައުތައް ބާރުވެރިކުރުވައި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކޮށްދިނުމާއި، ކޮންފްލިކްޓް ރިޒޮލިއުޝަން ނުވަތަ ދިމާވާ މައްސަލަތަކަށް ސުލްހަވެރި ގޮތެއްގައި ހައްލު ހޯދޭނެ އުކުޅުތައް މި ހަރަކާތުގެ ދަށުން ދަސްކޮށްދެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޗެރިޓީ މެޗުތަކާއި ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ކުޑަކުދިންނާއި ކޯޗުންނާއި ޓީމު މެނޭޖަރުންނަށް ބޭނުންވާ ހުނަރުތައް ލިބި، މީގެފައިދާ ބައިނަލްއަގްވާމި މުޖުތަމައަށްވެސް ކުރެ އެވެ.