ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕޭން އިނގިރޭސިވިލާތުގައި ފެށުމަށްފަހު ފުޓުބޯޅަ މެޗެއް ބައްލަވާލައްވައިފި އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި އެވަޓަން އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) ބައްދަލުކުރި މި މެޗުގައި ވަނީ އެމްއެމްޕީއާރްސީ އާއި އެލްއެފްސީ ގުޅިގެން ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށް ގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕޭން ރަސްމީކޮށް ފަށާފަ އެވެ.
ދިވެހި ސަރުކާރުން ބުނީ އެމްއެމްޕީއާރްސީ އާއި އެލްއެފްސީގެ މި ކެމްޕޭންގެ ދަށުން ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން ރާއްޖެއަށް މުހިއްމު އިގްތިސާދީ މަންފާތައް ހޯދޭނޭ މަގުފަހިވެގެންދާނެ ކަމަށެވެ.
ލިވަޕޫލްގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމްއެމްޕީއާރްސީގެ ވިޒިޓް މޯލްޑިވްސް ކަމަށް މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ. މި ޕާޓްނަޝިޕުގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަގްވާމީ ކެމްޕޭނެއް ކުރިއަށް ގެންދާނެ އެވެ.
އެލްއެފްސީއާ އެކު ގާއިމުކުރި ޕާޓްނަޝިޕްގެ ދަށުން މާޗް މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕޭނެއްވެސް ފަށާފަ އެވެ. ތިން މަސް ދުވަހުގެ މި ކެމްޕޭންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަހައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަޓައިޒިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައި އާއި، ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ އަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެ އެވެ.
މީގެ އިތުރުން ޕްރިމިއާ ލީގު މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލްއެފްސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަހައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަގްވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެ އެވެ.