ޑރ. މުހައްމަދު މުއިއްޒު

ތާރީހު ނުދެކޭ މިންވަރަށް މި ސަރުކާރުން ކުޅިވަރު ކުރިއަރުވާނެ: ރައީސް

"ޕެރިސް 2024 އޮލިމްޕިކްސް"ގައި ރާއްޖޭގެ ދިދަ އުފުލާ އެތުލީޓުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުޅިވަރު ކުރިއަރުވަން މިހާތަނަށް ރާއްޖޭގެ ތާރީހު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖެއިން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެން ދިއުމަކީ މިސަރުކާރުގެ ސިޔާސަތެއްކަމުގަ އެވެ.

ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގުވާމީ މައިދާނުގައި އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށް ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކި ތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ކުޅިވަރު ތަރައްގީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ ކަމެއް ދެއްވާނެ ކަމަށާއި އިންގިލާބީ ބަދަލެއް ކުޅިވަރުގެ ދާއިރާއަސް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ "ޕެރިސް 2024 އޮލިމްޕިކްސް"ގައި ބައިވެރިވާ އެތުލީޓުންނަށް ހިތްވަރުދެއްވައި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފަ އެވެ.

"ޕެރިސް 2024 އޮލިމްޕިކްސް" ގައި ރާއްޖެ ތަމްސީލުކުރަނީ ފަސް ކޮންޓިންޖެންޓް އެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާ ފަހަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910