އަނިޔާގެ ސަބަބުން ސްޕޭންގެ ޕެޑްރީއަށް ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެ ކަމަށާއި އެއް މަހަށް ވުރެ ދިގު މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޔަގީންވެއްޖެ އެވެ.
ޕެޑްރީއަށް އަނިޔާވީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަ ފައިނަލްގައި ޖަރުމަނާއި ސްޕޭން ބައްދަލުކުރި މެޗުގައި ކްރޫޒް އާއި މުޑި އަރައިގެން ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
ސްޕޭންގެ ޓީމުގެ މެދުތެރޭގައި މުހިއްމު ރޯލެއް އަދާކުރާ ޕެޑްރީއަކީ އެ ޓީމުގެ މުހިއްމު އެއް ތަނބެވެ.
ބާސެލޯނާގައިވެސް މިޑްފީލަޑަރަކަށް ކުޅެމުންދާ ޕެޑްރީއަށް އަނިޔާވެފައި މިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ޕެޑްރީ ދައްކަމުން ދަނިކޮށެވެ.
އޭނާއަށް މި މުބާރާތުގައި އަދި ގޯލެއް ނުޖެހުނު ނަމަވެސް ގިނަ ހަމަލާތަކެއް އޭނާ ވަނީ އިނދިކޮޅު ގޯލަށް އަމާޒުކޮށްފަ އެވެ.
ސްޕޭންގެ ކޯޗު ވެސް ބުނެފައިވާ ގޮތުގައި ޕެޑްރީ އަކީ އޭނާއަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެހެންވެ ސެމީ ފައިނަލްގައި ސްޕޭން އާއި ފްރާންސް ބައްދަލުކުރާ މެޗުގައި ޕެޑްރީއަށް ކުޅެވޭ ގޮތް ނުވުމަކީ ސްޕޭން ކޯޗުގެ ބޮލުގެ ރިހުން ގަދަވާނެ ކަމެކެވެ.
ސްޕޭން ޓީމުގެ މުހިއްމު ތިން ކުޅުންތެރިންނަށް ދެ ރީދޫ ކާޑު ދައްކާފައިވާތީ ސެމީއަށް ނިކުންނައިރު އެ ކުޅުންތެރިން ސަސްޕެންޑްވެފައި ތިބެންޖެހުމަކީވެސް ސްޕޭންއަށް އޮތް ކަންބޮޑުވުމެކެވެ. ސަސްޕެންޝަންގެ ސަބަބުން ސެމީގައި ނުފެންނާނެ ސްޕޭންގެ ތިން ކުޅުންތެރިންނަކީ އެ ޓީމުގެ ކެޕްޓަން އަލްވާރޯ މޮރާޓާ، ޑަނި ކާވަހާލް އަދި ފަބިއަން ރުއިސް އެވެ.