އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ ތަށި އުފުލާލުމުގެ ހުވަފެން ފެނަށް ދުއްވާލައި، އިޓަލީން ޔޫރޯ 2020 ކާމިޔާބު ކޮށްފި އެވެ.
އިންގްލެންޑުގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީ، ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ޔޫރޯ 2020 ގެ ފައިނަލް އިޓަލީން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
މިއީ އިޓަލީން ޔޫރޯ ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އިޓަލީން މި މުބާރާތް ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެނެވެ. މިއާއެކު އިޓަލީން ވަނީ ޖެހިޖެހިގެން 34 މެޗުން ބަލި ނުވެ ރިކޯޑު ހަދާފަ އެވެ.
މިރޭގެ މެޗު އިންގްލެންޑުން ފެށީ ވަރުގަދަ ރޫހެއްގައި މޮޅު ކުޅުމަކުންނެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގި އެވެ. މި ލަނޑު އިންގްލެންޑަށް ކާމިޔާބު ކޮށްދިނީ ޓްރިޕިއާ ނަގައިދިން ހުރަހަކުން ލޫކް ޝޯ އެވެ.
މިއާއެކު އިންގްލެންޑުގެ ސަޕޯޓަރުންގެ އަޑުން މުޅި ސްޓޭޑިއަމް ގުގުމާލި އެވެ. ހުއްޓުމެއް ނެތި އިންގްލެންޑުގެ ސަޕޯޓަރުން ދެމުން ދިޔަ ތަރުހީބުން އިންގްލެންޑަށް އިތުރު ހިތްވަރެއް ލިބުނު އިރު އިޓަލީއަށް މިކަންވީ އުނދަގުލަކަށެވެ. ގޯލަށް ފަހު އިންގްލެންޑުން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ބައިކޮޅަށް ގޯލެއް ވަނަ ނުދިނުމަށެވެ.
އިންގްލެންޑުގެ ސަޕޯޓަރުންގެ އަޑާއެކު ވެސް އިޓަލީން ވަނީ ފުރަތަމަ ހާފުގެ މެދެއްހާ ހިސާބުން ފެށިގެން ކުޅުން ރަނގަޅުކޮށް އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ކިއޭސާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ އެއްކައިރިން ބޭރަށް ދިޔައިރު، އިމޯބިލޭގެ ހަމަލާއަށް ހުރަސް އެޅީ އިންގްލެންޑުގެ ޑިފެންޑަރުންނެވެ.
ފުރަތަމަ ހާފު ނިމުނީ 1-0 ކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އިޓަލީން ވަނީ އިތުރަށް ކުރިއަށް ޖެހި އިންގްލެންޑުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އިންގްލެންޑުގެ ގޯލަށް ބާރު ބޮޑުކޮށް އިޓަލީން ވަނީ އިދިކޮޅު ގޯލު ފޫއަޅުވާލާފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި އިޓަލީއަށް ނަތީޖާ އެއްވަރު ކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު ލިއެނާޑޯ ބޮނުޗީ އެވެ. މި ގޯލަކީ ކޯނަރަކުން އައި ބޯޅައެއް ވެރާޓީ ގޯލަށް ފޮނުވާލުމުން ކީޕަރު ދިފާއު ކުރި ބޯޅަ ދަނޑީގައި ޖެހިފައި ނިކުތުމުން ބޮނުޗީ ކާމިޔާބު ކުރި ގޯލެކެވެ.
އިޓަލީގެ ގޯލާއެކު ދެވަނަ ހާފު ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ. އެހެން ކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ. އިތުރު ވަގުތުގައި ގޯލު ޖަހައި ލީޑު ނަގަން ދެޓީމަށް ވެސް ފުރުސަތު ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެ އެވެ.
އިޓަލީން މުބާރާތް ކާމިޔާބު ކުރީ ތިން ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އިންގްލެންޑަށް ދެ ޕެނަލްޓީ ކާމިޔާބު ކުރެވުނު އިރު، ސަންޗޯ އާއި ސަކާ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އަދި ރަޝްފޯޑް ޖެހި ޕެނަލްޓީ ގޯލު ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ.