ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ސްޕެއިން ބަލިކުރުމަށް ފަހު އިޓަލީން އެމީހުން ބަލިނުވެ ހަދަމުން އައި ރިކޯޑް ދަމަހައްޓައިފި އެވެ. މިއާއި އެކު އިޓަލީން ވަނީ ޖެހިޖެހިގެން 33 މެޗުން މޮޅުވެފައެވެ.
އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އިޓަލީން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މި ނަތީޖާ އާއި އެކު ސްޕެއިނުން މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު އިރު އިޓަލީ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ.
މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ސްޕެއިން ޓީމުންނެވެ. އެގޮތުން ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކަޓްސް އާއި އޮލްމޯ ވަނީ މެދުތެރެއިން ޓީމު ވަރަށް ރަނގަޅަށް ކުޅުވާ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްދީފަ އެވެ.
އިޓަލީއަށް ބޯޅަ ގިނައިރު ގެންގުޅެ އެމީހުންގެ ކޮންޓްރޯލަށް ގެނެވޭ ގޮތެއް ނުވި އެވެ. އެހެން ކަމުން އެމީހުން އެޓީމުން މަސައްކަތް ކުރީ ކައުންޓާ އެޓޭކުގައި ސްޕެއިންގެ ގޯލަށް ނުރައްކާ ކުރުމަށެވެ. އިޓަލީން ޖެހި ލަނޑަކީވެސް ކައުންޓާ އެޓޭކުގައި ޖެހި ލަނޑެކެވެ.
ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ކޮޅުގައި އިޓަލީގެ ބަރެއްލާ ފޮނުވާލި ބޯޅަ ގޯލުގެ ވާތު ދަނޑީގައި ޖެހިފައި ނިކުން އިރު ސްޕެއިނުގެ އޮލްމޯ ފޮނުވާލި ބާރު ހަމަލާ އިޓަލީގެ ކީޕަރު ޑޮނަރޫމާ ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.
އިޓަލީން ގޯލު ޖަހައި ލީޑު ނެގީ 61 ވަނަ މިނެޓުގަ އެވެ. އޭރިއާގެ ބޭރުން ދުރު ކަނަށް ފޮނުވާލައިގެން މިގޯލު އިޓަލީއަށް ކާމިޔާބު ކޮށްދިނީ ފެޑެރިކޯ ކިއޭސާ އެވެ.
ނަމަވެސް ސްޕެއިނުން މެޗުގެ 80 ވަނަ މިނެޓުގައި ނަތީޖާ ހަމަ ކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު ކުޅެން ނިކުން މޮރާޓާ އެވެ. މި ގޯލަކީ ވަރަށް ރީތި ވަންޓޫ ޕާހަކުން މޮރާޓާ ކާމިޔާބު ކުރި ގޯލެކެވެ.
ފާއިތުވި މެޗު ތަކުގައި ލަނޑު ޖެހުމުގެ މައްސަލަ ދިމާވެ މޮރާޓާ މިރޭގެ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ ނުނެރެވުމުން ނަތީޖާ ނެރުމަށް 15 މިނެޓުގެ އިތުރު ވަގުތުގެ ދެހާފު ކުޅިގެންވެސް ނަތީޖާ ނުނެރެވުނެވެ. އެގޮތުން އިޓަލީގެ ބެރާޑި ގޯލެއް ޖެހި ނަމަވެސް ބޯޅަ ކިބުނު އިރު އޭނާ ހުރީ އޮފްސައިޑް ޕޮސިޝަނެއްގައި ކަމުން އެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފަ އެވެ. ސްޕެއިނަށް ގިނަ ފުރުސަތު ތަކެއް ލިބުނު އިރު އެފުރުސަތު ތަކުގެ ބޭނުން ނުހިފުނެވެ.
އެހެން ކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އިޓަލީ މޮޅުވީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް އެއް ޕެނަލްޓީ މަތަކޮށް އަދި އަނެއް ޕެނަލްޓީ ސްޕެއިނުން ބޭރަށް ޖެހުމުންނެވެ.
ފައިނަލުގައި އިޓަލީ ބައްދަލު ކުރަން ޖެހޭނީ މާދަމާރޭ ޑެންމާކާއި އިންގްލެންޑް ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.