ޔުއެއާފާ ޔޫރޯ 2020

30 މެޗުގެ ކުޅުން ދައްކައިފި ނަމަ އިޓަލީއަށް މޮޅުވެވޭނެ

އެންމެ ފަހުން ކުޅުނު 30 މެޗުގެ ކުޅުން އިޓަލީ ދައްކާލައިފި ނަމަ މިރޭގެ މެޗުގައި އެމީހުން ބޭނުންވާ ނަތީޖާ ނެރެވިދާނެ ކަމަށް އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއެނާޑޯ ބޮނުޗީ ބުނެފި އެވެ.

މިރޭ ދަންވަރު 12:00 ޖަހާއިރު އިޓަލީ އާއި ސްޕެއިން ބައްދަލު ކުރާ ޔޫރޯ 2020 ގެ ސެމީ ފައިނަލް މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބޮނުޗީ ބުނީ މިފަހަރު މުބާރާތުގެ ސްޕެއިންގެ ޓީމާއި ކޯޗަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވީ ނަމަވެސް އެހުރިހާ ކަމަކާއި އެކު ޓީމު އެކައްޗެއްގެ ގޮތުގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ވަރުގަދަ އެއްބައިވަންތަ ފިކުރަކާއި ދެކޮޅަށް ނުކުންނައިރު އިޓަލީއަށް ވަރަށް އުނދަގު ވާނެ ކަމަށެވެ. ނަމަވެސް ފާއިތުވި 30 މެޗުގެ ކުޅުން އިޓަލީއަށް މިރޭގެ މެޗުގައި ދައްކާލެވިއްޖެ ނަމަ އެމީހުން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށެވެ.

އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު 32 މެޗުން ބަލި ނުވެ އެންމެ ގިނަ މެޗު ޖެހިޖެހިގެން ބަލިނުވާ ޓީމުގެ ރިކޯޑު ހަދާފަ އެވެ. އިޓަލީން އެންމެ ފަހުން ކުޅުނު 32 މެޗުގެ ތެރެއިން ފަސް މެޗުން އެއްވަރު ވެފައި ވާއިރު 27 މެޗުން އެމީހުން ވަނީ މޮޅުވެފަ އެވެ.

އޮއެވަރު އޮތްގޮތް

މިރޭގެ މެޗަކީ ޔޫރޯގައި އިޓަލީ އާއި ސްޕެއިން ބައްދަލު ކުރާނެ ހަތްވަނަ ފަހަރެވެ. އަދި ނޮކްއަޓް ސްޓޭޖުގައި މި ދެޓީމު ޖެހިޖެހިގެން ވާދަ ކުރާ މިއީ ހަތަރު ވަނަ ފަހަރެވެ. ސްޕެއިންގެ ޓިކިޓަކާ ޕޮމްޕް ގޭމާއެކު 2012 ވަނަ އަހަރު ޔޫރޯ ފައިނަލުގައި 4-0 އިން އިޓަލީ ބަލި ކޮށްފައިވީ ނަމަވެސް އޮއެވަރު ބަދަލު ކޮށްލައި ޔޫރޯ 2016 އިގެ ގަދަ 16 ގައި އިޓަލީ ވަނީ 2-0 އިން ސްޕެއިން ބަލިކޮށްފަ އެވެ.

މީގެ އިތުރުން ޖެހިޖެހިގެން 32 މެޗުން ބަލި ނުވެ އިޓަލީން ހަދާފައި ރިކޯޑު އޮތް އިރު، އިދިކޮޅު ޓީމު އޮޅުންބޮޅުން ކޮށްލާ ފަދަ އެމީހުންގެ ޕޭސް އާއި ވަރުގަދަ އެޓޭކިން ލައިނަކީ މިރޭގެ މެޗުގައި ސްޕެއިނުން ކުރިމަތިލާން ޖެހޭނެ ވަރަށްބޮޑު ބިރެކެވެ. ކުޅަދާނަ ބެލްޖިއަމަށް ވެސް އިޓަލީގެ ކުރިމަތީގައި މިފަހަރު ވަނީ ފައިތިލަ ސާބިތު ނުކުރެވިފަ އެވެ.

އަނެއްކޮޅުން ފުރަތަމަ ދެމެޗުގައި ނަތީޖާ ނުނެރެވުނު ނަމަވެސް އޭގެ ފަހުން މެޗުތަކުގައި ކޮންމެ މެޗަކު ފަސް ގޯލު ޖަހައި ސްޕެއިން އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް އޭގެ ފަހުން ސްވިޒަލެންޑާއި ބައްދަލު ކުރި ކުއާޓާ ފައިނަލުން ސްޕެއިން މޮޅުވީ ޕެނަލްޓީއަށް ގޮސްގެން ނަސީބު އަތުގައި ހިފުމުންނެވެ. އެހެން ކަމުން އިޓަލީ ފަދަ ދުނިޔޭގެ ފެންވަރުގައި ނަން ވިދާލާ ޓީމަކާއި ދެކޮޅަށް ނުކުންނަ އިރު ސްޕެއިނުން އެމީހުންގެ 100 ޕަސެންޓް ދޭނެކަން ގައިމެވެ.

އިޓަލީ

އިޓަލީން ވަނީ ޔޫރޯ 2020 ގައި ކުޅުނު ފަސް މެޗުން މޮޅުވެ 100 ޕަސެންޓް މުޅުވި ހަމައެކަނި ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ފީފާ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް ކުއާޓާ ފައިނަލުގައި ބަލިކޮށް ސެމީ އަށް ދަތުރު ކުރުމުގެ އިތުރުން މިފަހުގެ ތާރީހުގައި އެމީހުން ދައްކާފައިވާ މޮޅު ކުޅުމުން އެމީހުންނަށް ކޮންމެ ކަމެއްވެސް ހާސިލް ކުރެވިދާނެކަން އެމީހުން ވަނީ ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފަ އެވެ.

އަޒޫރީ (އިޓަލީ ޓީމަށް ފުޓްބޯޅައިގައި ބޭނުންކުރާ ނަމެއް) ގެ ކޯޗު ރޮބާޓޯ މަންސިނީ ބުނީ ބެލްޖިއަމްގެ ކުޅުމާއި ސްޕެއިންގެ ކުޅުން ވަރަށް ބޮޑަށް ތަފާތު ކަމަށާއި، ސްޕެއިންގެ ފަރާތުން އޭނާގެ ޓީމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ކުރުވާނެ ކަމަށެވެ. އަދި ސްޕެއިން އަކީ ވަރަށް މޮޅޫ ޓީމެއްކަން ފާހަގަ ކުރަމުން މަންސިނީ ބުނީ ޒުވާން ކުޅުންތެރިންނާއެކު ސްޕެއިންގެ ޓީމާއި ކޯޗަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ.

ސްޕެއިން

ފުރަތަމަ ދެމެޗުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް ފަހު ތިން މެޗުގައި ސްޕެއިން އިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެހެން ކަމުް މިހާ ހިސާބަށް އަންނަ އިރު އެޓީމު އޮންނާނީ ވަރުގަދަ ރޫހެއްގައި މިރޭގެ މެޗުން މޮޅުވުމަށް ތައްޔާރަށެވެ. އަނެެއްކޮޅުން އިޓަލީން ބަލިނުވެ ހަދަމުން އައި 32 މެޗުގެ ރިކޯޑު އިތުރަށް ދިގު ދައްމާލިއަ ނުދީ މިރޭގެ މެޗުގައި އެތާރީހު މެދުކަނޑާލުމަށް ސްޕެއިނުން ހުންނާނީ ފެންބޮވައިގެންފައި ކަން ޔަގީނެވެ.

ސްޕެއިން މިފަހަރުގެ މުބާރާތަށް ނިކުން އިރު އެންމެ ބޮޑު މައްސަލަ އަކަށް ދިމާވެފައި އޮތީ ސްކޯ ކުރުމުގެ މައްސަލަ އެވެ. ޓީމުގެ ސެންޓާ ފޯވާޑް މޮރާޓާ އަށް ގިނަ ފުރުސަތު ތަކެއް ލިބިވަނީ ބޭކާރު ވެފަ އެވެ. ނަމަވެސް އޭނާގެ ކުޅުން ރަނގަޅު ވެފައި އެންރީކޭއަށް އޮތް އިތުބާރެއްގެ ބޮޑުކަމުން އޭނާއަށް ފުރަތަމަ 11 އިން ބަރާބަރަށް ޖާގަދެ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު ލިބޭ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ސްޕެއިނަށް މަޖުބޫރު ވާނެ އެވެ. ނަމަވެސް މިކަމަށް ހުރަސް އަޅަން ތިބޭނީ އިޓަލީގެ ތަޖުރިބާކާރު ބޮނުޗީ އާއި ކިއެލީނީ އެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ދެޓީމަށް މެޗު ޑޮމިނޭޓް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހެން ކަމުން މެޗު ވަރަށް ހިތްގައިމު ވެގެންދާނެ ކަމަށެވެ. އަދި ދެޓީމުގެ ކުޅުން ވަރަށް އެއްގޮތް ނަމަވެސް މިހާރުގެ އިޓަލީ ޓީމަކީ ވަރަށް މޮޅޫ ޓީމެއް ކަމަށެވެ. އެހެން ކަމުން ކުޅުމުގެ ސްޓައިލް ބަދަލު ކުރަން ނުވިސްނާ މިރޭގެ މެޗުގައި ސްޕއެިންގެ އެންމެ ރަނގަޅު ކުޅުން ދައްކާނެ ކަމަށެވެ.

އިޓަލީ އާއި ސްޕެއިންގެ ކުރިމަތިލުންތައް

މިހާތަނަށް މިދެޓީމުން ވަނީ 33 މެޗެއްގައި ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން 12 މެޗުން ސްޕެއިން މޮޅުވި އިރު 12 މެޗުން ވަނީ އެއްވަރު ވެފަ އެވެ. އިޓަލީއަށް މޮޅު ވެވުނީ ނުވަ މެޗުންނެވެ.

މީގެ ކުރިން ހަ ފަހަރަކަށް މިދެޓީމުން ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ބައްދަލު ކޮށްފަ އެވެ. އަދި މިއީ ނޮކްއައުޓް ސްޓޭޖުގައި މިދެޓީމު ޖެހިޖެހިގެން ބައްދަލު ކުރާ ހަތަރު ވަނަ ފަހަރެވެ.

ޔޫރޯ 2008 ގައި މިދެޓީމު އެއްވަރު ވެފައި ވާއިރު 2012 ގެ ފައިނަލުގައި ސްޕެއިން މުބާރާތް ކާމިޔާބު ކުރީ 4-0 އިން މޮޅު ވެގެންނެވެ. އަދި ޔޫރޯ 2016 ގެ ރައުންޑް އޮފް 16 ގައި އިޓަލީން ވަނީ 2-0 އިން ސްޕެއިން ބަލިކޮށްފަ އެވެ.