ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އާއި އިޓަލީ ބައްދަލުކުރި ސެމީ ފައިނަލުން މޮޅުވެ މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރު ކޮށްފި އެވެ.
އިޓަލީގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި ނަތީޖާ އާއި އެކު ސްޕެއިނުން ވަނީ އިޓަލީން ބަލި ނުވެ ހަދަމުން އައި ރެކޯޑު ނިމުމަކަށް ގެނެސްފަ އެވެ. ޖެހިޖެހިގެން 37 މެޗުން ބަލިނުވެ އިޓަލީން ރެކޯޑު ހަދާފައި ވާއިރު، އިޓަލީ ވަނީ 28 މެޗުން މޮޅުވެ، ނުވަ މެޗުން އެއްވަރު ކޮށްފަ އެވެ. މި މެޗުގެ ކުރިން އިޓަލީން އެންމެ ފަހުން ބަލިވީ 2018 ވަނަ އަހަރު ޕޯޗުގަލް އަތުންނެވެ.
މި މެޗުގައި ފާހަގަކުރެވުނު އެހެން ހާއްސަ ކަމެއް ވެސް އެބައޮތެވެ. އިޓަލީ އާއި ސްޕެއިން ބައްދަލުކުރި ވަރުގަދަ މެޗުގައި ސްޕެއިންގެ ފުރަތަމަ 11 ގައި ލުއިސް އެންރީކޭ ވަނީ 17 އަހަރުގެ ޕަބްލޯ ގަވީ ހިމަނާފަ އެވެ. އެއާއެކު ގަވީ ވެގެން ގޮސްފައި ވަނީ ސްޕެއިންގެ ތާރީހުގައި އެންމެ ޅަ އުމުރުގައި ޑިބަޓް ހެދި ކުޅުންތެރިޔާ އަށެވެ.
ގަވީ ސްޕެއިންގެ ފުރަތަމަ މެޗު ކުޅުނީ 17 އަހަރާއި 62 ދުވަހުގަ އެވެ. މީގެ ކުރިން އެންމެ ޅަ އުމުރުގައި ސްޕެއިން އަށް ކުޅެފައިވަނީ އެންހެލް ޒުބިއެޓާ އެވެ. އުމުރުން 17 އަހަރާއި 284 ދުވަހުގައި އޭނާ އެ ރެކޯޑު ހެދީ 1936 ވަނަ އަހަރު އެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ސްޕެއިނުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އޮޔާޒަބަލް ނަގައިދިން ހުރަހެއް ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ސްޕެއިނަށް ލީޑު ނަގައިދިނީ ފެރަން ޓޮރޭސް އެވެ. ސްޕެއިންގެ ދެވަނަ ގޯލަކީ ވެސް އޮޔާޒަބަލް ނަގައިދިން ހުރަހަކުން ފެރަން ޓޮރޭސް ޖަހައިދިން ގޯލެކެވެ.
ފުރަތަމަ ހާފު ނިމެނިކޮށް އިޓަލީގެ ޑިފެންޑަރު ލިއެނާޑޯ ބޮނުޗީއަށް ވަނީ ދެ ރީނދޫ ކާޑާއި އެއްކޮށް ރަތް ކާޑު ދައްކާފަ އެވެ. އިޓަލީން ޖެހި ގޯލަކީ ކައުންޓާ އެޓޭކެއްގައި މުޅިން ހުސްކޮށް ހުރެފައި ކިއޭސާ ދިން ޕާހަކުން ލޮރެންޒޯ ޕެލެގްރިނީ ކާމިޔާބު ކޮށްދިން ގޯލެކެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ބައްދަލުކުރާނީ ބެލްޖިއަމް އާއި ފްރާންސް އެވެ.