ޔޫއެފާ ނޭޝަން ލީގް

ސްޕެއިން އިން ސާބިއާ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިން އާއި ސާބިއާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ސްޕޭން ދަތުރުކޮށްފި އެވެ.

މި މެޗުގައި ސްޕެއިންގެ ފަރާތުން ފުރަތަމަ ގޯލު އައިމެރިކް ލަޕޯޓް ޖެހީ މެޗުގެ ފަސްވަނަ މިނެޓްގައެވެ. އަލްވާރޯ މޮރާޓާ މެޗުގެ 65 ވަނަ މިނެޓްގައި ދެވަނަ ގޯލް ޖެހިއިރު އެލެކްސް ބައެނާ ތިންވަނަ ގޯލް ޖެހީ މެޗުގެ 77 ވަނަ މިނެޓް ގައެވެ.

މި ކާމިޔާބީއާއެކު ސްޕެއިން ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި، ގްރޫޕްގެ އެއްވަނައަށް ޖެހިލާފަ އެވެ.

މި މެޗުގައި ސްޕެއިން ވަނީ މެޗު ފުރިހަމައަށް ކޮންޓްރޯލްކޮށް، ސާބިއާގެ ގޯލަށް 30 ހަމަލާ ދީފަ އެވެ. ސާބިއާއަށް އިތުރު މައްސަލަތައް ކުރިމަތިވީ މެޗުގެ 76 ވަނަ މިނެޓުގައި ޕަވްލޮވިޗަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.

މި މުބާރާތުގެ އެހެން މެޗެއްގައި ޑެންމާކް ވަނީ ސްވިޒަލޭންޑާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވެފަ އެވެ. މިހާރު ގްރޫޕުގެ ދެވަނައިގައި އޮތް ޑެންމާކަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.