ސްޕެއިން

ޔޫރަޕްގެ ނޭޝަންސް ލީގް ސްޕޭނުން ކާމިޔާބުކޮށްފި

ޔޫރަޕްގެ ގައމުތަކުގެ ގައުމީ ޓީމުތަކުގެ މެދުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ނެޝަންސް ލީގުގެ މިއަހަރުގެ ޗެމްޕިއަންކަން ރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުން މޮޅުވެ ސްޕޭނުން ކާމިޔާބުކޮށްފި އެވެ.

ޔޫރަޕްގެ ފުޓްބޯޅަ އާ ލެވެލް އަކަށް ގެންދިއުމަށް ޔޫއެފާއިން ފެއްޓި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން 2018 އިން ފެށިގެން މި މުބާރާތް ހަތަރު ޑިވިޒަނަކަށް ބަހާލައިގެން 54 ގައުމު ހިމެނޭހެން ކޮންމެ ދެ އަހަރަކުން އެއް އަހަރު އަންނަނީ ބާއްވަމުންނެވެ.

މި ލީގަކީ ޔޫރޯ ޗެމްޕިއަންޝިޕަށް އަދި ވޯލްޑް ކަޕަށްވެސް ޔޫރަޕްގެ ވަރުގަދަ ޓީމްތައް ކޮލިފައިވުމަށް ނުފޫޒު އޮންނަ ޔޫރަޕްގެ އެންމެ ވަރުގަދަ ގައުމީ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ސަބަބުން ކުރިން ފީފާއިން ހަމަޖައްސަމުން އައި އިންޓަނޭޝަނަލް ފްރެންޑްލީ މެޗްތަކުގައި ޔޫރަޕްގެ ގައުމުތަކާއި އެހެން ބައްރުތަކުގެ ގައުމުތަކާއި ވާދަކޮށް ތަޖުރިބާ ހިއްސާ ކުރެވެމުން އައި މެޗްތައް ކުޅުން އެކީއެކަށް ހުއްޓި މުޅިން ނެތިގޮސް ޔޫރަޕްގެ ގައުމުތަކުގައި އެ ގައުމުތަކުގެ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑުވެ ޔޫރަޕްގެ ފުޓްބޯޅައަށް މޮޅު ގޮތް ވަނީ ހޯދާފަ އެވެ.

ނެދަލެންޑްސްގެ ރޮޓަޑަމްގައި ރޭ ކުޅެވުނު މި މުބާރާތުގެ ފަހުބުރަށް ނޭޝަންސް ލީގްގެ ހަތަރު ޑިވިޒަނުން ފައިނަލް ބުރަށް ކޮލިފައިވީ ސްޕޭނާއި، ކްރޮއޭޝިއާ، އިޓަލީ އަދި ނެދަލެންޑްސް އެވެ. މި ހަތަރު ގައުމުގެ މެދުގައި ބޭއްވުނު ސެމީފައިނަލުން ފައިނަލަށް އައިސްފައިވަނީ ސްޕޭން އަދި ކްރޮއޭޝިއާ އެވެ. ކްރޮއޭޝިއާ އައީ އިޓަލީ ބަލިކުރުމަށްފަހު އެވެ. ސްޕޭން އައީ ނެދަލެންޑްސް ބަލިކުރުމަށްފަހު އެވެ.

ރޮޓަޑަމްގައި ރޭ ކުޅެވުނު ފައިނަލް މެޗްގައި ދެޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔައިރު މެޗް ވެގެންދިޔައީ ބަލާހިތްވާފަދަ މޮޅު ރީތި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ ފައިނަލަކަށެވެ. ކްރޮއޭޝިއާގެ މަޝްހޫރު ލޫކާ މޮޑްރިޗާއި އިވާން ޕެރިސިޗްގެ ތަޖުރިބާ ބޭނުންކޮށް މޮޅަށް ކްރޮއޭޝިއާ ކުޅުނު އިރު ސްޕޭނުގެ ހުނަރުވެރި ޒުވާން ކުޅުންތެރިން ކަމުގައިވާ ގަވީ އާއި ޕެޑްރީ ވަނީ މެދުތެރެއިން މޮޅަށް ކުޅެ ސްޕޭނަށް މެޗް އެއްވަރުކޮށްދީފަ އެވެ.

މި މެޗް ގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް އެއްވެސް ބަޔަކަށް ކުރި ލިބިފައިނުވުމުން އިތުރު ވަގުތު ކުޅެވެސް އެއްވަރުވުމުން ދިޔައީ ޕެނަލްޓީ އަށެވެ. ޕެނަލްޓީގައި ސްޕޭނުންވަނީ ވޯލްޑް ކަޕްގެ ގަދަ 16 ގައި މޮރޮކޯ އަތުން ޕެނަލްޓީގައި ބަލިވި ބަލިވުން އެއްފަރާތްކޮށް މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ހޯދާފަ އެވެ. މިއީ ސްޕޭނުން ފާއިތުވި 11 އަހަރު ތެރޭ ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

އަނެއްކޮޅުން ކްރޮއޭޝިއާ އިން 2018ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށް ރަނައަޕް ހޯދައި 2022 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް އެ މުބާރާތަށްވެސް އަލްވަދާއު ކިޔަންޖެހުމުން ލިބިފައިވާ ހިތްދަތިކަން ފިލުވާލުމަށް މި މުބާރާތުގެ ތަށި ހޯދަން ރޭ ލިބުނު ފުރުސަތުވެސް ގެއްލި ބޮޑު ކާމިޔާބަކަށް އަނެއްކާވެސް ވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ.

ރޭގެ މެޗްގައި ސްޕޭންގެ ކީޕަރު ސައިމަން ޕެނަލްޓީގައި މޮޅު ކުޅުމެއް ދައްކައި ކްރޮއޭޝިއާ އިން ޖެހި ދެ ޕެންލްޓީ ދިފާއުކޮށްފައިވެ އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިގެން ދިއައީ މެންޗެސްޓަ ސިޓީގެ ޓްރެބްލް ކާމިޔާބް ހިއްސާކުރި އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގް ފައިނަލް މެޗްގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނު އަދި ރޭގެ މެޗްގައި ޕެނަލްޓީ ކާމިޔާބްކޮށް މުޅި މެޗްގައި މޮޅަށް ކުޅުނު ސްޕޭންގެ މިޑްފީލްޑަރު ޕެޑްރީ އެވެ. ތަށި ލިބުނު ސްޕޭނުގެ ފަހު ޕެނަލްޓީ ހަމަޖެހިލައިގެން ކާމިޔާބްކޮށްދިނީ ރެއާލްގެ ތަރި ކަވާހާލް އެވެ.

މީގެ 12 މަސްފަހުން ޖާމަނީގައި ޔޫރޯ މުބާރާތް ކުޅޭއިރު ސްޕޭންގެ މި ކުޅުންތެރިންގެ ހުނަރުން ރޭ ހޯދި ބޮޑު ކާމިޔާބް ވެފައިވަނީ އަންނަ ޔޫރޯ މުބާރާތުގައިވެސް ސްޕޭން އިން އިތުބާރާއެކު މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަކަށެވެ.

މިމުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ސެމީ ފައިނަލުން ފެށިގެން މުބާރާތް އަމިއްލަ ގައުމުގައި ކުރިއަށް ގެންދިޔަ ނެދަލެންޑްސް ބަލިކޮށް އިޓަލީ އިންނެވެ.