އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ބޮޑު ޓެނިސް މުބާރާތް -- މަޝްހޫރު ވިމްބަލްޑަންގެ ފައިނަލަށް ދުނިޔޭގެ މިވަގުތުގެ އެއް ނަމްބަރު ކުޅުންތެރިޔާ ސްޕޭންގެ ކާލޯސް އަލްކަރާޒް ގޮއްސި އެވެ.
ފައިނަލްގައި އަލްކަރާޒް ވާދަކުރާނީ މިވަގުތު ދުނިޔޭގެ ދެވަނަ އަދި ޓެނިހުގެ މިހާރުގެ ރަސްގެފާނު -- ސާބިއާގެ ޖޮކޮވިޗްއާ އެވެ. ޖޮކޮވިޗް މި މުބާރާތުގެ ފައިނަލް ކުޅޭ މިއީ ނުވަވަނަ ފަހަރެވެ. އަދި ޖޮކޮވިޗް މިހާތަނަށް ވިމްބަލްޑަން މުބާރާތުގައި ހަތް ފަހަރު ތަށި ހޯދާފައިވާއިރު ވިމްބަލްޑަންގައި ސްވިޒަރލޭންޑްގެ ރޮޖަ ފެޑެރާ ހަދާފައިވާ ރެކޯޑް ކަމުގައިވާ އަށް ތަށި ހޯދުމަށް މާދަމާ މެންދުރު ފަހުން ސެންޓަ ކޯޓަށް ނިކުންނަން ޖޮކޮވިޗަށް މިހާރު މިވަނީ ފުރުސަތު ލިބިފަ އެވެ.
މުބާރާތުގެ އެއްވަނަ ސީޑް އަލްކަރާޒް ފައިނަލަށް ދިޔައީ މި މުބާރާތަށް ދުނިޔޭގެ ތިންވަނައިގައި ސީޑް ކުރެވިފައިވާ ރަޝިއާގެ ޑެނީލް މެދްވެދޭވް ސީދާ ތިން ސެޓުން ބަލިކުރުމަށްފަހު އެވެ. އަނެއްކޮޅުން ޖޮކޮވިޗް ފައިނަލަށް އައިސްފައިވަނީ އިޓަލީގެ 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ، މުބާރާތުގެ އަށްވަނަ ސީޑް -- ޔަނިކް ސިނާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.
ސާބިއާގެ ޖޮކޮވިޗަށް ޖައްސަޖައްސައިގެން ފަސް މުބާރާތެއްގެ ތަށި ހޯދުމަށް އޮތް ފުރުސަތު މާދަމާ ނަގާލައި އަލްކަރާޒް އަނެއްކޮޅުން މި ނިކުންނަނީ އޭނާގެ ދެވަނަ ބޮޑު މުބާރާތް ކާމިޔާބު ކުރުމަށެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ -- އަލްކަރާޒް ދުނިޔޭގެ އެއްވަނަ މަގާމަށް އައިސްފައިވަނީ އެންމެ ފަހުގެ ޔޫއެސް އޯޕަން ކާމިޔާބު ކޮށްގެންނެވެ.
ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާ ޖޮކޮވިޗް މި މުބާރާތުގެ ސެންޓަ ކޯޓެއްގައި ބަލި ނުވެ މިހާތަނަށް 34 މެޗް ވަނީ ކުޅެފަ އެވެ. އަދި މުބާރާތުގެ ރެކޯޑް އަށްވަނަ ފަހަރަށް ތަށި ހޯދުމަށް ކުޅެވޭ ފައިނަލް މެޗް ވެގެންދާނީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ވަރުގަދަ ފައިނަލަކަށެވެ.
މުބާރާތުގެ އަންހެން ފަޅީގެ ފައިނަލް މިރޭ އިރާކޮޅު 7 ޖަހާއިރު ކުޅޭއިރު ވާދަކުރާނީ ދުނިޔޭގެ ހަވަނަ އަދި މި މުބާރާތުގެ މިދިޔަ އަހަރުގެ ރަނަރަޕް، ޓިއުނީޝިއާގެ މުސްލިމެއް ކަމަށްވާ އޫނިސް ޖާބިރް އާއި ދުނިޔޭގެ ރޭންކިންގެ 36 ގައި ވަނަ އޮތް ޗެކް ރިޕަބްލިކްގެ މަރްކީތާ ވޮންދުރޫސުވާ އާއެވެ.
މި ދެކުޅުންތެރިން މި އަހަރު ބައްދަލުކޮށްފައިވާ ދެ ފަހަރުގެ ތެރެއިން އިންޑިއަން ވެލްސް އަދި އޮސްޓްރޭލިއަން އޯޕަންގައި ވޮންދުރޫސުވާ ވަނީ އެއް މެޗްގައި ސީދާ ދެ ސެޓުން މޮޅުވެ އަދި އަނެއް މެޗް 2 ސެޓް އެއް ސެޓުން ގެންގޮސްފަ އެވެ.
އުމުރުން 24 އަހަރުގެ ޗެކް ރިޕަބްލިކްގެ ވޮންދުރޫސުވާ އުމުރުން އެންމެ 19 އަހަރުގައި އަދި މިހާތަނަށް ބޮޑު މުބާރާތެއްގެ ހަމައެކަނި ފައިނަލަށް ދަތުރުކުރި ފްރެންޗް އޯޕަން މުބާރާތުގައި ވަނީ 2019 އަހަރު ޓިއުނީޝިއާގެ އޫނިސް ބަލިކޮށްފަ އެވެ. އެހެންނަމަވެސް ވިނަ ކޯޓެއްގައި އޫނިސް ވަނީ މީގެ ދެ އަހަރު ކުރިން ވޮންދުރޫސުވާ ބަލިކޮށްފަ އެވެ.
އޫނިސް ފައިނަލަށް އައިސްފައިވަނީ ދުނިޔޭގެ މިހާރުގެ ދެވަނަ ކުޅުންތެރިއޔާ، ބެލަރޫސްގެ އެރީނާ ސަބަލެންކާ ސެމީ ފައިނަލް ގައި 2 ސެޓް 1 ސެޓުން ބަލިކޮށްގެންނެވެ. އަދި ވޮންދުރޫސުވާ ފައިނަލަށް އައިސްފައިވަނީ މިވަގުތު ދުނިޔޭގެ އެއްވަނަ ޕޮލެންޑްގެ އީގާ ސްވިއާޓެކް ބަލިކޮށް ސެމީ އަށް ދަތުރުކުރި ޔޫކްރޭންގެ އެލީނާ ސްވިޓޮލީނާ ސީދާ 2 ސެޓުން ބަލިކޮށްފަ އެވެ.
މި މުބާރާތުގައި 2019 ވަނަ އަހަރު އޭނާ ބަލިކުރި އަދި މުބާރާތް ދެ ފަހަރު ކާމިޔާބް ކޮށްފައިވާ ޕެޓްރާ ކުވިޓޯވާ، އޫނިސް ވަނީ މި މުބާރާތުގެ ހަތަރުވަނަ ރައުންޑްގައި ބަލިކޮށް އޭރުގެ ބަލިވުމުގެ ބަދަލު ހިފާފަ އެވެ. ހަމަ އެހެންމެ ކުއާޓަ ފައިނަލްގައި އޭނާ ވަނީ މިދިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތުގެ ފައިނަލްގައި އޭނާ ބަލިކުރި އަދި މިވަގުތު ދުނިޔޭގެ ތިންވަނަ، ކަޒަކްސްތާންގެ އެލީނާ ރައިބަކީނާ ބަލިކޮށްވެސް ބަދަލު ހިފާފަ އެވެ.
އެހެންކަމުން ކުރީގެ ބަލިވުންތަކުގެ ބަދަލު ހިފުމުގެ ރެކޯޑެއް މި މުބާރާތުގައި ހަދަމުން އަންނަ އުތުރު އެފްރިކާގެ ޓިއުނީޝިއާގެ އޫނިސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިނަމަ ވެގެންދާނީ އެފްރިކާ ބައްރުން އަދި އަރަތްބެއް ދުނިޔޭގެ ޓެނިސް މުބާރާތެއް މިހާތަނަށް ކާމިޔާބު ކުރި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. މި މުބާރާތުގައި އަދި ޓެނިހުގެ ދުނިޔޭގައި އޫނިސް ދައްކަމުން އަންނަ މޮޅު ކުޅުމާއެކު ޓިއުނީޝިއާގައި އޫނިސް އަށް މިހާރުވެސް ގައުމީ ބަތަލެއްގެ ދަރަޖަ ވަނީ އަރުވާފަ އެވެ.