ކުޅިވަރު

ވިމްބަލްޑަންގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދައިފި

ޓެނިހުގެ ދުނިޔޭގައި ބާއްވާ ގްރޭންޑް ސްލޭމް ތަކުގެ ތެރެއިން ދުނިޔޭގެ އެންމެ މަޝްހޫރު އަދި އިނގިރޭސިވިލާތުގެ އެންމެ ޝަރަފްވެރި ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްޕޭންގެ ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.

އަލްކަރާޒް މި ކާމިޔާބް ހޯދީ ރޭ އިރާކޮޅުން ފެށިގެން ފަސް ގަޑި އިރަށް ކުޅުން ދިގުދެމިގެންދިޔަ މިހާތަނަށް ވިމްބަލްޑަންގައި ފެނުނު އެންމެ މޮޅު އެއް މެޗް، 5 ސެޓަށް ކުޅެގެން، 1-6، 7-6، 6-1، 3-6، އަދި 6-4 އިން ދުނިޔޭގެ ދެވަނަ އަށް މިވަގުތު ރޭންކް ކުރެވިފައިވާ ޓެނިހުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، ސާބިއާގެ ނޯވާކް ޖޮކޮވިޗް ބަލިކުރުމަށްފަހު އެވެ.

އަލްކަރާޒް ވަނީ މި މެޗުން މޮޅުވެ ވިމްބަލްޑަންގައި ޖޮކޮވިޗް ދަމަހައްޓަމުން އައި އެންމެހާ ރެކޯޑެއް ހުއްޓުވާލާފަ އެވެ. މި މެޗުން ޖޮކޮވިޗް މޮޅުވިނަމަ އޭނާ އަށް މި މުބާރާތް ޖައްސަޖައްސައިގެން ފަސްވަނަ ފަހަރަށް ހާސިލްވެގެން ދިޔައީހެވެ.

މި މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ ޖޮކޮވިޗް އެވެ. ނަމަވެސް އެއް ސެޓް ފަހަތުގައި އޮވެ ދެން ޖެހިގެން އައި ދެ ސެޓް އަލްކަރާޒް ވަނީ ހޯދާފަ އެވެ. އެހިސާބުން ޖޮކޮވިޗްގެ ކުޅުން އިހުނަށްވުރެ ވެސް ގަދަކޮށް ހަތަރުވަނަ ސެޓް ޖޮކޮވިޗް ގެންދިޔަ އެވެ. ނަމަވެސް ފަސްވަނަ ސެޓް ވަރަށް މޮޅަށް ކުޅެ އަލްކަރާޒް ވަނީ އޭނާގެ ދެވަނަ ގްރޭންޑް ސްލޭމް ކާމިޔާބްކޮށްފަ އެވެ.

މީގެ ކުރިން ޖޮކޮވިޗް ވަނީ މި މުބާރާތުގައި ބަލި ނުވެ މިހާތަނަށް 34 މެޗް ކުޅެފަ އެވެ. އަދި 2013ގެ ފަހުން ސެންޓަ ކޯޓްގައި އޭނާ ބަލިވެފައެއް ނުވެ އެވެ. ޖޮކޮވިޗް ވަނީ އޭނާ ކުޅުނު ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ފުރަތަމަ ސެޓް ކާމިޔާބް ކުރި 104 މެޗުން މޮޅުވެފަ އެވެ.

ޖޮކޮވިޗްގެ ބަލިވުމާއެކު ޓެނިހުގެ ދުނިޔޭގައި އެންމެ ކާމިޔާބު ތާރީހެއް ދަމަހައްޓަމުން އައި އައުންވެސް މިވަނީ ނިމުމަކަށް އައިސްފަ އެވެ. އަލްކަރާޒް މިވަނީ 2002ގެ ފަހުން ވިމަބަލްޑަން ކާމިޔާބް ކުރަމުން އައި ޓެނިހުގެ އެންމެ ކާމިޔާބު ގަދަ ހަތަރެއް ކަމުގައިވާ ރޮޖަ ފެޑެރާ، ޖޮކޮވިޗް، ނަޑާލް، އަދި އެންޑީ މުރޭގެ ބޭރުން މި މުބާރާތް ކާމިޔާބް ކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ.

"މި މުބާރާޓް ކާމިޔާބް ވުން އެއީ ހުވަފެނެއް ސީދާ ވުން،" އިނގިރޭސި ވިލާތުގެ ޕްރިންސަސް އޮފް ވޭލްސް އަތުން ޓްރޮފީ އެރުވުނު ވަގުތަށްފަހު ޖަޒުބާތުން ފުރިފައި ހުރެ އަލްކަރާޒް ބުނެފައިވެ އެވެ.

"މި ބޮޑު މުބާރާތުގައި ތާރީޚު ލިޔެ، ޓެނިހުގެ ލެޖެންޑެކާއެކު ފައިނަލް ކުޅުން އެއީ ގަބޫލުކުރަންވެސް ދަތި ކަމެއް. އަހަރެން ކަހަލަ އުމުރުން އެންމެ 20 އަހަރުގެ މީހަކު މިފަދަ ކާމިޔާބެއް ހާސިލްވުން އެއީ ހައިރާން ކަމެއް،" އިނގިރޭސި ވިލާތުގެ މުޅި ޝާހީ އާއިލާ އަދި ސްޕޭންގެ ރަސްގެފާން ވެސް މެޗް ބައްލަވަން ވަޑައިގަތް އިންނެވި މެޗަށްފަހު ޒުވާން ކުޅުންތެރިޔާ އަލްކަރާޒް ބުނެފައިވެ އެވެ.

މި މުބާރާތުގެ އަންހެނުންގެ ފަޅިން ޗެކް ރިޕަބްލިކްގެ ވޮންދްރޫސުވާ އިއްޔެ ވަނީ ޓިއުނީޝިއާގެ އޫނިސް ޖާބިރު ސީދާ ދެ ސެޓުން ބަލިކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. އޫނިސް އަކީ މިދިޔަ އަހަރުގެ ވިމްބަލްޑަންގެ ފައިނަލުންވެސް ބަލިވެ ރަނަރަޕް ލިބުނު ކުޅުންތެރިޔާ އެވެ.