ކުޅިވަރު

ވިމްބަލްޑަން 2023: ޓިއުނީޝިއާގެ އޫނިސް ޖާބިރު ސެމީއަށް

ވިމްބަލްޑަންގެ ސެމީ ފައިނަލަށް މުބާރާތުގެ ހަވަނަ ސީޑް -- ޓިއުނީޝިއާގެ އޫނިސް ޖާބިރު ގޮސްފި އެވެ.

ސެމީ ފައިނަލަށް އޫނިސް ދިޔައީ ވިމްބަލްޑަންގެ މިދިޔަ އަހަރުގެ ޗެމްޕިއަން އަދި މުބާރާތުގެ ތިންވަނަ ސީޑް، ކަޒަކްސްތާންގެ އެލީނާ ރައިބަކީނާ 6-7، 6-1، އަދި 6-4 އިން ބަލިކުރުމަށްފަހު އެވެ.

ވިމްބަލްޑަންގެ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރީވެސް މި ދެ ކުޅުންތެރިންނެވެ. އަދި އެފަހަރު އޫނިސް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ އެލީނާ ކަމަށް ވުމުން މިފަހަރު އޫނިސްގެ ކާމިޔާބަކީ އެލީނާގެ މައްޗަށް ހޯދި ވަރުގަދަ ކާމިޔާބަކަށް ވަނީ ވެފަ އެވެ.

ޓިއުނީޝިއާގެ މި ކުޅުންތެރިޔާ އަކީ ވިމްބަލްޑަންގައި އަރަބި ގައުމަކުން މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ފުރަތަމަ ފަހަރަށް ކުޅުނު ކުޅުންތެރިޔާ އެވެ. އަދި މިދިޔަ އަހަރު ގްރޭންޑް ސްލޭމް މުބާރާތުގެ ފައިނަލެއްގައި ކުޅުނު އަރަބި ފުރަތަމަ ކުޅުންތެރިޔާ ވެސް މެއެވެ.

މި މުބާރާތުގެ ސެމީއަށް މިހާތަނަށް ދަތުރުކޮށްފައިވާ އެހެން ކުޅުންތެރިންނަކީ ދެވަނަ ސީޑް -- ބިލާރުސްގެ އެރީނާ ސަބަލެންކާ އާއި ޔޫކްރޭންގެ ވައިލްޑް އެންޓްރީ އެލީނާ ސްވިޓޮލީނާ އާއި އަދި ޗެކްރިޕަބްލިކްގެ މަރްކީތާ ވޮންދުރޫސުވާ އެވެ.

ސްވިޓޮލީނާ ސެމީއަށް ދަތުރުކުރީ މުބާރާތުގެ އެއްވަނަ ސީޑް ޕޮލެންޑްގެ އީގާ ސްވިއާޓެކް ދެ ސެޓް އެއް ސެޓުން ބަލިކުރުމަށްފަހު އެވެ. ސަބަލެންކާ ސެމީއަށް ދިޔައީ ސީދާ ދެ ސެޓުން އެމެރިކާގެ މެޑިސަން ކީސް ބަލިކުރުމަށްފަހު އެވެ. ވޮންދޮރޫސުވާ ސެމީއަށް ދިޔައީ މުބާރާތުގެ ހަތަރުވަނަ ސީޑް، އެމެރިކާގެ ޖެސިކާ ޕެގިއުލާ ދެ ސެޓް އެއް ސެޓުން ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ސެމީގެ އަންހެން މެޗްތަކާއި ޑަބަލްސް އެހެނިހެން މެޗްތައް މިއަދުގެ ވަގުތު ތަކުގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.